Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ބެންޒެމާ ނެތް ތަން ފޫބައްދާނީ ޖިރޫޑް

އަނިޔާގެ ސަބަބުން ފްރާންސްގެ ސްކޮޑުން ބާކީކުރި އިތުބާރު ފޯވާޑް، ކަރީމް ބެންޒެމާ ނެތްތަން ފޫބައްދާނީ އޮލިވިއޭ ޖިރޫޑް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

ބެންޒެމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ފްރާންސުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ބެންޒެމާ އަށް އަނިޔާވެގެން ސްކޮޑުން ބާކީކުރި ނަމަވެސް އޭނާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިއަކު ނަގާފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި މިރޭ އޮސްޓްރޭލިޔާއާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ ބެންޒެމާ އަށް އަނިޔާވުމުން ފްރާންސްގެ ކުރީގައި ހަރަކާތްތެރިވާނީ ޖިރޫޑް ކަމަށާއި އޭނާ އަކީ ފްރާންސްގެ އެންމެންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެއް ކަމަށެވެ.

ބެންޒެމާ.

ޖިރޫޑަކީ ފްރާންސްގެ ސްކޮޑުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ކުޅުންތެރިއެއް ކަމަށާއި ޖިރޫޑް ކުޅޭ ސްޓައިލްގެ ގޮތުން އޭނާ އަކީ ވަރަށް ބޭނުންތެރި ކުޅުންތެރިއެއް ކަމަށްވެސް ޑެޝޯމްޕް ބުންޏެވެ.

"ޖިރޫޑް އަކީ ގޯލް ނުޖަހާއިރު ވެސް މުހިއްމު ކުޅުންތެރިއެއް." ޑެޝޯމްޕް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުސަތު ޖިރޫޑަށް ވަނީ ލިބިފަ އެވެ. އެގޮތުން ތިއެރީ އޮންރީ ހަދާފައިވާ އެ ރެކޯޑާ އަރާ ހަމަކުރަން ޖިރޫޑަށް މިހާރު ބޭނުންވަނީ އެންމެ ދެ ގޯލެވެ.

ޖިރޫޑް އަކީ ފްރާންސުން އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވެސް އެޓީމުގެ ފުރަތަމަ އެގާރާގައި ހިމެނުނު ކުޅުންތެރިއެކެވެ.

ފްރާންސް އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.