އާޖެންޓީނާ އިން މި މުބާރާތާއި ކުރިމަތިލަނީ ފެވަރިޓުންގެ ގޮތުގައި ކަމަށްވާއިރު އެންމެ ފޯމުގައި އޮވެ މުބާރާތާ ކުރިމަތިލާ އެއް ޓީމަކީ ވެސް ދެކުނު އެމެރިކާގެ ގަދަ ބާރުގެ ގޮތުގައި ބެލެވޭ އާޖެންޓީނާ އެވެ. އަނެއްކޮޅުން ސައުދީ އަރަބިއްޔާ އިން މި މުބާރާތާއި ކުރިމަތިލަނީ ގްރޫޕްގެ އެހެން ޓީމުތައް ސިހުން ގެނެވުމުގެ ވިސްނުމުގައި ތިބެގެންނެވެ.
އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދާފައިވާއިރު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެޓީމު ވަނީ ބަލިނުވެ ޖުމްލަ 36 މެޗު ފުރިހަމަކޮށްފަ އެވެ. ކޮޕާ އެމެރިކާގައި 2019 ގެ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި ފަހުން އާޖެންޓީނާ އެއް ވެސް މެޗަކުން މިހާތަނަށް ބައްޔެއް ނުވެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވަނީ 37 މެޗު ހަމަކުރި އިޓަލީ އެވެ.
މިއީ ފަހަރުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވާއިރު އާޖެންޓީނާ ކޯޗު ލިއޮނަލް ސްކަލޯނީ މުބާރާތަށް ނަގާފައިވާ ތަޖުރިބާކާރު އަދި ޒުވާން ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެކެވެ. އާޖެންޓީނާ އިން ވަނީ އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ޖުމްލަ 16 ގޯލް ކާމިޔާބުކޮށްފަ އެވެ.
އޭޝިއާގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސައުދީ ކޮލިފައިންގައި ލައްވާލީ ޖަޕާނާއި އޮސްޓްރޭލިއާއާއެކު އެއް ގްރޫޕްގަ އެވެ. ސައުދީ މުބާރާތަށް ކޮލިފައިވީ އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިނެކޭ އެއްގޮތަށް ވޯލްޑް ކަޕްގައި ވެސް ސައުދީ ލައްވާލީ ވަރުގަދަ ގްރޫޕެއްގައި ކަމަށްވާއިރު މުބާރާތާއި ކުރިމަތިލާއިރު ސައުދީ އޮތީ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެގޮތުން އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ސައުދީ އަށް ހޯދިފައިވަނީ އެންމެ ދެ މޮޅެވެ. އަދި ތިން މެޗުން އެޓީމު ވަނީ އެއްވަރުވެފަ އެވެ.
އާޖެންޓީނާ
މިއީ އާޖެންޓީނާ އިން ވާދަކުރާ 18 ވަނަ ވޯލްޑް ކަޕް ކަމަށްވާއިރު އެޓީމުން މުބާރާތަށް ކޮލިފައިވީ މެޗަކުން ބަލިނުވެ އެވެ. އާޖެންޓީނާ ވަނީ މި މުބާރާތް ދެ ފަހަރެއްގެ މަތިން މީގެކުރިން ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާ އަށް މި މުބާރާތް އެންމެފަހުން ކާމިޔާބު ކުރެވުނީ 1986 ވަނަ އަހަރު އެވެ.
ވޯލްޑް ކަޕްގައި ވާދަކުރި ކޮންމެ ފަހަރަކު ވެސް އާޖެންޓީނާ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފައިވާއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އާޖެންޓީނާވީ އެއްވަރެވެ. އެގޮތުން އެފަހަރު 1-1 އިން ބަލިވީ މުބާރާތަށް އަލަށް ކޮލިފައިވި އައިސްލޭންޑް އަތުންނެވެ.
މިއަދުގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް އާޖެންޓީނާގައި ނެތެވެ. އެގޮތުން މި މެޗަށް އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ފިޓްވެފައިވާއިރު ފާއިތުވި ދުވަސްތަކުގައި ޓީމާ ވަކިން ފަރިތަކުރުންތައް ކުރިއަށްގެންދިޔަ މެސީ ވެސް މި މެޗަށް ވަނީ ފިޓްވެފަ އެވެ.
މިއީ ސައުދީން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރު ކަމަށްވާއިރު އެޓީމަށް ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދުނީ 1994 ވަނަ އަހަރު އެވެ. އެއީ ސައުދީ އަށް މިހާތަނަށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރެވުނު ހަމައެކަނި ފަހަރެވެ.
Saudi Arabia fans, let's take a trip down memory lane 🇸🇦
What's your favourite @SaudiNT_EN #FIFAWorldCup goal? 💥 #Qatar2022 pic.twitter.com/JOyYLlaZ4v
— FIFA World Cup (@FIFAWorldCup) November 22, 2022
ސައުދީން އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފައިވާއިރު އެފަހަރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ ރަޝިއާ އިން 5-0 އިން ބަލިވެފަ އެވެ. އަދި ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗުން ވެސް ސައުދީ ވީ ބައްޔެވެ.
އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު ސައުދީ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅެ އެވެ.
މި ދެ ޓީމުގެ ކުރިމަތިލުންތައް
ވޯލްޑް ކަޕްގައި އާޖެންޓީނާއާ ސައުދީ ބައްދަލުކޮށްފައި ނުވާއިރު މީގެކުރިން އެކުވެރިކަމުގެ މެޗުތަކުގައި ހަތަރު ފަހަރު މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ދެ މެޗު އާޖެންޓީނާ އިން ކާމިޔާބުކުރިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމުގެ އެންމެފަހުން ބައްދަލުކުރީ 2012 ވަނަ އަހަރު އެވެ
ގަތަރުގެ ލުސައިކް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.