Last Updated: November 30, 22:44
Wednesday, November 30, 2022
މުނިފޫހިފިލުވުން

ބޮލީވުޑްގައި މިހާރު އެއްބައިވަންތަކަމެއް ނެތް

ބޮލީވުޑްގައި މިހާރު މާ ބޮޑު އެއްބައިވަންތަ ކަމެއް ނެތް ކަމަށް އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކާ ދެކޮޅަށް ބޮއިކޮޓް ކެމްޕޭންތައް ހިންގުމާއި ވަކި ތަރިންތަކަކަށް އަމާޒުކޮށްގެން އެ މީހުންގެ ފިލްމުތަކުގެ ވިޔަފާރި ވެސް ހަލާކު ކުރަން ބައެއް މީހުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ސައިފް ސީއެންބީސީ-ޓީވީ 18 އަށް ދިން އިންޓަވިއުއެއްގައި ބުނީ އެގޮތަށް ދިމާވެ، އޭގެ ނޭދެވޭ އަސަރު ފިލްމު އިންޑަސްޓްރީ އަށް ކުރަނީ އެ ދާއިރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ނޯންނާނާތީ އެވެ.

"އެފަދަ ކެމްޕޭންތަކާ ދެކޮޅަށް އަހަރެމެންނަކަށް ނުފެނޭ މިހާރު އިންޑަސްޓްރީގެ ތެރެއިން އަޑު އުފުލާ ތަނެއް. ނުވަތަ އެއް ބަޔަކަށް ކުރިމަތިވާ ކަންކަމުގައި އަނެއް ބަޔަކު ވާހަކަ ދައްކާ ތަނެއް ވެސް ނުފެނޭ،" ސައިފް ބުންޏެވެ. "ހަގީގަތުގައި ފިލްމުތައް ބޮއިޓްކުރަން ގޮވާލުމާއި ކެންސަލް ކަލްޗާ ފަދަ ކަންކަމަކީ ވަރަށް ނުރައްކާތެރި ކަންކަން. މިފަދަ އެންޓި ހަރަކާތްތަކާ ދެކޮޅަށް ބޮލީވުޑް ޖެހޭ އެކަތިގަނޑެއްގެ ގޮތުގައި މަަސައްކަތްކުރަން. އެކަމަކު އެކަމެއް މިހާރަކު ނެތް."

ސައިފު މި މޭރުމުން ވާހަކަ ދެއްކި އިރު، އޭނަގެ އަންހެނުން ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނު ހިންދީ ފިލްމެވެ. އޮގަސްޓްގައި ރިލީޒްކުރި އެ ފިލްމުގެ ޕްރޮމޯޝަންތައް ފެށުމާ އެކީ ސޯޝަލް މީޑިއާގައި ވަރަށް ފުޅާކޮށް ސީދާ އާމިރާއި އޭނަގެ ފިލްމު ބޮއިކޮޓްކުރަން ކެމްޕޭންތައް ފެށި އެވެ. ނަތީޖާއަކަށްވީ އިންޑިއާގެ ސިނަމާތަކުގައި އެ ފިލްމު ބަލާނެ ބަޔަކު ނުވުމެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި ސައިފާއި ރިތިކްގެ ރޯޝަންގެ "ވިކްރަމް ވޭދާ" އަކީ ވެސް އެންޓި ކެމްޕޭންގެ އަސަރުކޮށް، ފިލްމު ހަދަން ކުރި ހޭދަ ވެސް ބޮކްސް އޮފީހުގައި އަނބުރާ ނުލިބުނު ފިލްމެކެވެ.

ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ސައިފް ބުނީ މުނިފޫހި އިންޑަސްޓްރީ އަކީ އެތައް ބަޔަކު ބަރޯސާވާ އިންޑަސްޓްރީއަކަށްވާތީ އެ އިންޑަސްޓްރީ ކޮޅަށް ޖަހައި ނަގަހައްޓަން ކުރަން ޖެހޭ މަސައްކަތުގައި މުޅި ބޮލީވުޑް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ހިންދީ ފިލްމު ހަދާ ބޮލީވުޑަށް މީގެ ކުރިން ފާޑުކިޔުންތައް އަމާޒު ނުވާ މިންވަރަށް ފާޑުކިޔުންތައް އަމާޒުވުމާއި ފިލްމުތަކާ ދެކޮޅަށް ކެމްޕޭންތައް ހިންގާ އިރު، އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީ އަށް ގިނަ ބަޔަކު މިހާރު ވަރަށް ތައުރީފުކުރެ އެވެ. އެގޮތުން މިހާރު އިންޓަނޭޝަނަލް ފެންވަރުގެ މޮޅެތި ފިލްމު، އިންޑިއާވަންތަކޮށް ގެނެސްދޭން ހިންދީ ނޫން ބަސްތަކުން ހަދާ ފިލްމުތައް މާ ފުރިހަމަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ހާއްސަކޮށް ތެލެގޫ ފިލްމު އިންޑަސްޓްރީ އެވެ.

މި އަހަރު އިންޑިއާގައި އެންމެ ހިނގީ ވެސް ދެކުނުގެ ބައެއް ފިލްމުތަކެވެ. އޭގެ ތެރޭގައި "އާރްއާރްއާރް" އާއި "ކޭޖީއެފް ޗެޕްޓާ 2" ފާހަގަކޮށްލެވެ އެވެ.