Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ޑެންމާކް-ޓިއުނީޝިއާ

ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ދުވަހުގެ މެޗުތައް މިރޭ ކުޅެން ފަށާއިރު މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ޑެންމާކް އާއި ޓިއުނީޝިޔާ އެވެ.

ޑެންމާކަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތަޖުރިބާ ހުރި އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ޓީމެކެވެ. އެގޮތުން އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޑެންމާކް ދަތުރުކުރިއިރު އެޓީމު ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 10 މެޗުން 27 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ކޮލިފިކޭޝަނަށްފަހު ޑެންމާކުން ޔޫއެފާ ނޭޝަންސް ލީގުގައި ވެސް ނެރުނީ ރަނގަޅު ނަތީޖާއެކެވެ. އަދި މި މުބާރާތާ ކުރިމަތިލާއިރު ޑެންމާކް އޮތީ ވެސް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޑެންމާކުން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ.

އެފްރިކާ ކަޕްގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޓިއުނީޝިއާ ވަނީ އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖާ ހިސާބުން އެޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ.

މި މުބާރާތާ ކުރިމަތިލާއިރު ޓިއުނީޝިއާ ވަނީ އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. އެގޮތުން ވޯލްޑް ކަޕަށް ތައްޔާރުވާން ޓިއުނީޝިއާ އިން ކުޅުނީ އިރާނާއި ކަމަށްވާއިރު އެ މެޗު އެޓީމުން 2-0 އިން ވަނީ ކާމިޔާބުކޮށްފަ އެވެ.

ޑެންމާކް

މިއީ ޑެންމާކުން ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. އަދި މިއީ ޖެހިޖެހިގެން ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވި ފުރަތަމަ ފަހަރުވެސް މެ އެވެ. ޑެންމާކް ވަނީ އެންމެފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕެއްގައި ގްރޫޕް ސްޓޭޖް ފަހަނައަޅާ ގޮސްފަ އެވެ.

ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމުތައް އަތުން ޑެންމާކް މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. އެގޮތުން ވޯލްޑް ކަޕްގައި ޑެންމާކުން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ހަތަރު މެޗު ކުޅެފައިވާއިރު ދެ މެޗުން އެޓީމު މޮޅުވެ އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން މި މެޗުގައި ޑެންމާކްގެ ފޯވާޑް ޖޯނަސް ވިންޑަށް ނުކުޅެވޭނެ އެވެ. އޭގެ އިތުރަށް އަނިޔާގެ މައްސަލައެއް ޑެންމާކް ޓީމުގައި ނެތެވެ.

ޓިއުނީޝިއާ

މިއީ ޓިއުނީޝިއާ އިން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރެވެ. ނަމަވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ޓިއުނީޝިއާ އަށް އަނެއް ބުރަށް މިހާތަނަށް ދަތުރުކުރެވިފައެއް ނުވެ އެވެ. ޓިއުނީޝިއާ އަކީ ވޯލްޑް ކަޕެއްގެ މެޗަކުން މޮޅުވި އެފްރިކާގެ ފުރަތަމަ ޓީމެވެ. މި ޝަރަފު ޓިއުނީޝިއާ އިން ހޯދީ 1978 ވަނަ އަހަރު މެކްސިކޯގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.

ވޯލްޑް ކަޕެއްގައި ޓިއުނީޝިއާ އަށް މިހާތަނަށް ޔޫރަޕްގެ ޓީމެއް ބަލިކުރެވިފައެއް ނުވެ އެވެ. ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ޓިއުނީޝިއާ އިން 10 މެޗު ކުޅެފައިވާއިރު ހަތް މެޗުން ބަލިވެ ތިން މެޗު ވަނީ އެއްވަރުވެފަ އެވެ.

މި މެޗަށް ނިކުންނައިރު ޓިއުނީޝިއާ ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

މި ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ 20 އަހަރު ކުރިން މި ދެ ޓީމު ވަނީ އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-1 ކާމިޔާބުކުރީ ޑެންމާކުންނެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގަ އެވެ.