Last Updated: June 29, 13:53
Monday, June 29, 2026

ނަޝީދު އައްޑޫ ކައުންސިލާ ބައްދަލުކޮށްފި

ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ގެސްޓް ހައުސް އެޅުމާއި ގުޅޭ ގޮތުން އައްޑޫ ކައުންސިލަށް ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފަ އެވެ.

އައްޑޫގެ އެކި ސަރަހައްދު ތަކުގައި ގެސްޓް ހައުސް އިމާރާތްކޮށް އެކަމުން ސިޓީއަށް ގިނަ ފައިދާތަކެއް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނާއި ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑެއް ހެދުމަށް ނިންމެވީތީ އެކަމާއި ނަޝިދުވަނީ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ. އަދި ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑަށް ވީހާވެސް އަވަހަށް މެމްބަރުން ހޮއްވެވުމަށް ނަޝީދު އެދިވަޑައިގަތެވެ.

ނަޝިދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށާއި، ގެސްޓް ހައުސް ވިޔަފާރި ހިނގާ ނުހިގާ ގޮތް ބެލުމަށް ދޭތެރެ ދޭތެރެއިން އައްޑޫއަށް ވަޑައިގަންނަވާނެކަމަށެވެ.

މިއަދުގެ ޕްރެޒެންޓޭޝަން ހުށަހެޅުމުގައި ކުރީގެ ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް އާއި ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ޝައުނާ ބައިވެރިވެވަޑައިގަތެވެ.

ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ސިވިލް ސާވިސް ބައެއް މުވައްޒަފުން ވެސް ވަނީ ބައިވެރިވެ އެބެފުޅުންގެ ޝުއޫރު ގެސްޓް ހައުސް ސިޔާސަތާއި ގުޅޭ ގޮތުން ދެއްވާފައެވެ.