ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އިން މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ 2-1 އިން ބަލިކޮށްފި އެވެ.
މިއީ 36 މެޗަށްފަހު އާޖެންޓީނާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބަލިވި ފުރަތަމަ މެޗެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރުވެސް މެ އެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި ސައުދީން ހޯދި ހަތަރުވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީއަކުން ލިއޮނަލް މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ އާޖެންޓީނާ އަށް ލިބުނީ ސައުދީގެ ކުޅުންތެރިއަކު އާޖެންޓީނާގެ މިޑްފީލްޑަރު، ޕަރޭޑެސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ދިޔައީ ސައުދީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގައި އާޖެންޓީނާގެ މެސީ އަދި ލައުޓާރޯ މާޓިނޭޒް ދެ ގޯލް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ދެ ކުޅުންތެރިން ވެސް އޮފްސައިޑް ކަމަށް ނިންމައި އެ ދެ ގޯލުވެސް ކެންސަލްކޮށްފަ އެވެ.
ފުރަތަމަ ހާފްގައި އާޖެންޓީނާގެ ގޯލަށް މާބޮޑު ނުރައްކަލެއް ސައުދީ އަށް ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސައުދީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެގޮތުން އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މެޗުގެ 48 ވަނަ މިނެޓްގައި މި ގޯލް ސައުދީ އަށް ކާމިޔާބުކޮށްދިނީ އަލް ޝެހްރީ އެވެ.
އަދި އޭގެ ފަސް މިނެޓްފަހުން ސައުދީން ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައި އާޖެންޓީނާ ސިއްސުވާލާފަ އެވެ. ސައުދީގެ އަލް ދަވްސަރީ މި ގޯލް ކާމިޔާބުކުރީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް އާޖެންޓީނާގެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ނަތީޖާ އެއްވަރުކުރަން އާޖެންޓީނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު ސައުދީގެ ޑިފެންސްލައިނާއި އެޓީމުގެ ކީޕަރު، އަލް އޮވައިސް ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އާޖެންޓީނާގެ ނިކޮލަސް ޓަގްލަފީކޯ އާއި ޖޫލިއަން އަލްވަރޭޒް އަދި މެސީ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް އޭނާ ވަނީ މަތަކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ދެން ބައްދަލުކުރާނީ މެކްސިކޯއާ އެވެ. އަދި ސައުދީ ނިކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ.