Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

އާޖެންޓީނާ އަށް ދެން އޮތީ ދެ ފައިނަލް

އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި ދެން އޮތީ ދެ ފައިނަލް ކަމަށް އެޓީމުގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ އާޖެންޓީނާ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ވަނީ ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެފަ އެވެ. ގްރޫޕް ސީ ގައި ހިމެނޭ އާޖެންޓީނާ އިން ދެން ބައްދަލުކުރާނީ މެކްސިކޯއާ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އެޓީމުން ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

މިއަދުގެ މެޗަށްފަހު ވާހަކަދައްކަމުން މާޓީނޭޒް ބުނީ މެޗުގެ ފުރަތަމަ ހާފްގައި އެއް ގޯލަށް ވުރެ ގިނަ ގޯލް ޖަހަން ފުރުސަތު ލިބުނު ކަމަށާއި މެޗުން ބަލިވުމުން އެކަމާ ވަރަށް ދެރަވާ ކަމަށެވެ. އަދި މޮޅަކާއެކު މުބާރާތް ފަށަން ޓީމުން ވަރަށް ބޮޑަށް އުއްމީދުކޮށްގެން ތިބި ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

"އަހަރުމެންނަށް ބާކީ ދެން އޮތީ ދެ ފައިނަލް." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ މެޗުން ބަލިވީ ދެވަނަ ހާފްގައި ޓީމަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އަދި ހެދޭ ކުޑަ ގޯހަކުން ވެސް ތަފާތު ދައްކާނެ ކަމަށާއި މިއީ ރަނގަޅު ކުރަންޖެހޭ ކަންކަން ކަމަށް މާޓީނޭޒް ބުންޏެވެ. އަދި މި މެޗު މިހާރު ނިމިއްޖެ ކަމަށާއި ދެން ވިސްނަންވީ ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ދެން ހުރި މެޗުތަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

މިއީ 36 މެޗަށްފަހު އާޖެންޓީނާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބަލިވި ފުރަތަމަ މެޗެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރުވެސް މެ އެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި ސައުދީން ހޯދި ހަތަރުވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.