މި އަހަރު އެންމެ އިސްކަމެއް ދޭނީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސާލިހު ވިދާޅުވީ، ތައުލީމީ ދާއިރާގައި މިހާރު ވެސް ގިނަ އަދަދަކަށް ވަގުތީ ޓީޗަރުންނާއި، ދާއިރާގައި ތަޖުރިބާ ނެތް އެތައް ބަޔަކު އެބަތިބި ކަމަށެވެ.
އޭނާ ވިދާޅުވީ 2013 ވަނަ އަހަރު ތައުލީމީ ދާއިރާ އިން އެންމެ ބޮޑު އިސްކަމެއް ދޭނީ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމާއެކު ދާއިރާގެ ތަޖުރިބާ ހޯދުމަށް ޓީޗަރުންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ދިނުން ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ޖުމްލަކޮށް މުޅި ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އިމާދު ވިދާޅުވި އެވެ.
އެގޮތުން މިހާރު ވެސް ސްކޫލްތަކުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމާ އެކު ކުދިން ހިތްހަމަޖެހޭ މާހައުލެއް ގާއިމްކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އިމާދު ވިދާޅުވި އެވެ.
އިމާދު އަދި ވިދާޅުވީ މިއީ ރާއްޖޭގައި ކިވައިދޭން އުޅޭ ބިދޭސީ ޓީޗަރުންގެ އަދަދު ވީ ހާވެސް މަދުކޮށް، ދިވެހި ޓީޗަރުންނަށް ފުރުސަތު ދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގައި ގިނަ ކާމިޔާބީތަކާއި ކުރިއެރުންތައް ހޯދާފައިވާ ދިވެހި ޓީޗަރުން އެބަތިބި ކަމަށެވެ. އެކަމަކު މިހާރު އެފަދަ ބައެއް ފަރާތްތަކުން ދާއިރާ އާ ދުރަށް ދާން ފަށާފައިވާކަން އިމާދު ފާހަގަކުރެއްވި އެވެ.