Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: މެކްސިކޯ-ޕޮލެންޑް

ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ދުވަހުގެ ތިންވަނަ މެޗު މިރޭ ކުޅެން ފަށާއިރު މި މެޗުގައި ވާދަކުރާނީ މެކްސިކޯ އާއި ޕޮލެންޑެވެ.

އުތުރު އެމެރިކާގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ މެކްސިކޯ މިފަހަރުގެ މުބާރާތަށް ނިކުންނަނީ އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު ޖެރާޑް މާޓީނޯގެ އިރުޝާދުގެ ދަށުންނެވެ. ކުރިން ބާސެލޯނާ އަށް ވެސް ކޯޗުކޮށްދިން މާޓީނޯ މެކްސިކޯ ޓީމާއި ހަވާލުވީ 2019 ވަނަ އަހަރު ކަމަށްވާއިރު މިފަހަރުގެ މުބާރާތަށް އެޓީމު ކޮލިފައިވީ ކޮލިފިކޭޝަންގެ ފަހު މެޗުގައި 2-0 އިން އެލް ސަލްވަޑޯ ބަލިކުރުމަށްފަހު އެވެ.

ވޯލްޑް ކަޕާ ކުރިމަތިލާއިރު މެކްސިކޯ މިވަގުތު އޮތް ފޯމަކީ މާޓީނޯ އޮތް ބޮލު ރިހުމެކެވެ. އެގޮތުން އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މެކްސިކޯ ބަލިވެފައިވާއިރު މޮޅުވެފައިވަނީ ދެ މެޗުންނެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން މެކްސިކޯ އެންމެފަހު މެޗުގައި ބައްދަލުކުރި ސްވިޑެންއާ އެވެ. އެ މެޗުން އެޓީމު ވަނީ 2-1 އިން ބަލިވެފަ އެވެ.

ބާސެލޯނާގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީގެ ކެޕްޓަން ކަމުގެ ދަށުން ވޯލްޑް ކަޕަށް ނިކުންނަ ޕޮލެންޑަކީ ބައިނަލްއަގުވާމީ ފުޓްބޯޅަ އަށް އާ ޓީމަކަށް ނުވި ނަމަވެސް ބޮޑެތި މުބާރާތްތަކުގައި މާ ދުރަށް ދެވިފައިވާ ޓީމެއް ނޫނެވެ. ޕޮލެންޑް މުބާރާތަށް ކޮލިފައިވީ ޕްލޭއޮފްގައި ސްވިޑެންގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ.

ޕޮލެންޑް އެންމެފަހުން ކުޅުނު ހަ މެޗަށް ބަލާއިރު ތިން މެޗުން ބަލިވެ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެގޮތުން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޕޮލެންޑުން ދެކުނު އެމެރިކާގެ ގަދަ ބާރެއް ކަމަށްޗާ ޗިލީއާ ދެކޮޅަށް ކުޅެ ވަނީ 1-0 އިން މޮޅުވެފަ އެވެ.

މެކްސިކޯ

މިއީ މެކްސިކޯ އިން ވާދަކުރާ 8 ވަނަ ވޯލްޑް ކަޕެވެ. މެކްސިކޯ އިން ވަނީ ފާއިތުވި ހަ ވޯލްޑް ކަޕްގެ ތެރެއިން ފަސް ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި މެކްސިކޯ އިން ވާދަކުރި ކޮންމެ ފަހަރަކު ވެސް އެޓީމުން ގްރޫޕް ސްޓޭޖް ފަހަނައަޅާ ގޮސްފައިވެ އެވެ. ނަމަވެސް ފާއިތުވި ހަތް ވޯލްޑް ކަޕްގައި ވެސް ދެވަނަ ބުރުން އެޓީމު ވަނީ ކަޓާފަ އެވެ.

މި މެޗަށް ނިކުންނައިރު މެކްސިކޯގެ ފޯވާޑް ރައުލް ހިމިނޭޒް އަދިވެސް މުޅިން ފިޓެއް ނުވެ އެވެ. އޭނާގެ ބަދަލުގައި މި މެޗުގައި ކުޅޭނެ ކަމަށް ބެލެވެނީ ހެންރީ މާޓިން އެވެ.

ޕޮލެންޑް

މިއީ ޕޮލެންޑުން ވޯލްޑް ކަޕްގައި ވާދަކުރާ 9 ވަނަ ފަހަރު ކަމަށްވާއިރު 1986 ވަނަ އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރަށް އެޓީމަށް ދަތުރުކުރެވިފައެއް ނުވެ އެވެ. އަދި ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން ޕޮލެންޑް ބަލިވެފަ އެވެ.

ޕޮލެންޑަށް މިހާތަނަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން މޮޅެއް ހޯދިފައިވަނީ 1974 ވަނަ އަހަރު އެކަންޏެވެ. އެފަހަރު ޕޮލެންޑް ވަނީ އާޖެންޓީނާ 3-2 އިން ބަލިކޮށްފަ އެވެ.

މި މެޗަށް ނިކުންނައިރު ޕޮލެންޑް ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

މި ދެ ޓީމުގެ ކުރިމަތިލުންތައް

ވޯލްޑް ކަޕެއްގައި މި ދެ ޓީމު މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެގޮތުން 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޮލެންޑުން ވަނީ މެކްސިކޯ 3-1 އިން ބަލިކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު ހަ މެޗުން ވެސް މެކްސިކޯ ބަލިވެފައެއް ނުވެ އެވެ. އެގޮތުން ތިން މެޗުން މެކްސިކޯ މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރާ މި މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.