Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ދައްކާނެ އުޒުރެއް ނެތް، ޓީމަށް އިތުބާރު ކުރޭ

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވުމުން ދައްކާނެ އެއްވެސް އުޒުރެއް ނެތް ކަމަށް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ އާޖެންޓީނާ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ވަނީ ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެފަ އެވެ. ގްރޫޕް ސީ ގައި ހިމެނޭ އާޖެންޓީނާ އިން ދެން ބައްދަލުކުރާނީ މެކްސިކޯއާ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އެޓީމުން ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

މިއަދުގެ މެޗަށްފަހު އާޖެންޓީނާގެ މީޑިޔާއަކާ ވާހަކަދައްކަމުން މެސީ ބުނީ މުބާރާތް މިފަދަ ގޮތަކަށް ފަށަން ޖެހިދާނެ ކަމަށް އެއްގޮތަކަށް ވެސް ހީނުކުރާ ކަމަށާއި ކޮންމެ ކަމެއް ވެސް ވާނީ ސަބަބަކާ ހުރެ ކަމަށެވެ. އަދި ދެން އޮތީ ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވުން ކަމަށާއި އެ މެޗުތަކުން މޮޅުވާންޖެހޭ ކަމަށް މެސީ ބުންޏެވެ.

"ދައްކާނެ އުޒުރެއް ނެތް. މިއީ އަހަރުމެން ކުރިއަށް ވުރެ ބޮޑަށް އެއްބައިވަންތަ ވާންވީ ވަގުތު. މިއީ ވަރުގަދަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް. މީގެކުރިން ވެސް ކުޅުންތެރިން ވަނީ އެކަން ދައްކާފައި." މެސީ ބުންޏެވެ.

އާޖެންޓީނާ މިފަދަ ހާލަތެއް ތަޖުރިބާ ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިއީ ސްކޮޑުގެ ހުރި ވަރުގަދަ ކުރަން ދައްކަންވީ ވަގުތު ކަމަށްވެސް މެސީ ބުންޏެވެ. އަދި ސަޕޯޓަރުން ޓީމަށް އިތުބާރު ކުރުމަށްވެސް އޭނާ ވަނީ ގޮވާލާފަ އެވެ.

މިއީ 36 މެޗަށްފަހު އާޖެންޓީނާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބަލިވި ފުރަތަމަ މެޗެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރުވެސް މެ އެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި ސައުދީން ހޯދި ހަތަރުވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.