ފީފާ ވޯލްޑް ކަޕްގައި މިރޭ ޑެންމާކް އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ނުފެނި ނިމުނު ފުރަތަމަ މެޗެވެ.
ގްރޫޕް ޑީ ގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި ފޯރިގަދަ މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓިއުނީޝިއާގެ ޖެބާލީ އަށް ކަމަށްވާއިރު ޑެންމާކްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ފެނިގެންދިޔައީ ޑެންމާކުން ޓިއުނީޝިއާގެ ފަހަތަށް ބާރުބޮޑުކޮށް ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންދިޔަ މަންޒަރެވެ. އެގޮތުން ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ދުރުން ފޮނުވާލި ހަމަލާއެއް ޓިއުނީޝިއާގެ ކީޕަރު ޑާމެން ދިފާއުކުރިއިރު ޑެންމާކްގެ ކޯނެލިއަސް އަށް ވަނީ މުޅިން ހުސް ފުރުސަތެއް ވެސް ލިބި ބޭކާރުވެފަ އެވެ. ޓިއުނީޝިއާގެ ގޯލު ކުރިމަތީ މުޅިން ހުހަށް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ޑެންމާކުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ޓިއުނީޝިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޑެންމާކް ބައްދަލުކުރާނީ ފްރާންސްއާ އެވެ. އަދި ޓިއުނީޝިއާ ނިކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.