ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ދުވަހުގެ ހަތަރުވަނަ މެޗު މިރޭ ކުޅޭއިރު މި މެޗުގައި ވާދަކުރާނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އާއި އޮސްޓްރޭލިޔާ އެވެ.
ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ ފްރާންސަކީ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާއިރު މިފަހަރުގެ މުބާރާތަށް އެޓީމު ނިކުންނައިރު އަނިޔާގެ ހިޔަނި ޓީމަށް ވަނީ ވަރަށް ބޮޑަށް އެޅިފަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ފްރާންސްގެ މެދުތެރޭގައި ހަރަކާތްތެރިވާ އެންގޯލޯ ކަންޓޭ އާއި ޕޯލް ޕޮގްބާ ފްރާންސްގެ ސްކޮޑަށް ނަގާފައި ނުވާއިރު، ސްކޮޑަށް ނެގި ފަހުން ވެސް އިތުރު ތިން ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެފަ އެވެ. އެއީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އާއި އެޓޭކިން މިޑްފީލްޑަރު، ކްރިސްޓޮފް އެންކުންކޫ އަދި ޑިފެންޑަރު ކިމްޕެމްބޭ އެވެ.
އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ކެޓިއިރު މުބާރާތާއި ކުރިމަތިލާއިރު އެޓީމުން އެންމެފަހުން ކުޅުނު ހަ މެޗުން ވެސް ނެރެފައިވަނީ ދަށް ނަތީޖާތަކެކެވެ. އެގޮތުން އެ ހަ މެޗުގެ ތެރެއިން ފްރާންސް މޮޅުވެފައިވަނީ އެންމެ މެޗަކުން ކަމަށްވާއިރު ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.
ވޯލްޑް ކަޕްގައި މާ ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ނެރެވިފައި ނުވާ އޮސްޓްރޭލިއާ މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ޕްލޭއޮފްގައި ޕެރޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ފްރާންސްއާއެކު އެއް ގްރޫޕެއްގައި ލައްވާލި އޮސްޓްރޭލިއާ މި މުބާރާތާއި ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި އޮވެ އެވެ. އެގޮތުން އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.
ފްރާންސް
މިއީ ފްރާންސުން ޖެހިޖެހިގެން ވާދަކުރާ ހަތްވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، އެންމެފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް ފްރާންސުން ވަނީ ގްރޫޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ފެށީ 3-0 އިން ހޮންޑިއުރަސް ބަލިކުރުމަށްފަހު ކަމަށްވާއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފްރާންސުން ވަނީ 2-1 އިން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ.
ނަމަވެސް ފާއިތުވި 12 އަހަރު ތެރޭގައި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމަށް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ފަހަރު އެވެ.
ބެންޒެމާ ނެތުމުން މިފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ކުރީގައި ހަރަކާތްތެރިވާނީ އޮލިވިއޭ ޖިރޫޑް އެވެ. އަދި މިރޭގެ މެޗުގައި ފްރާންސްގެ ދެ ސެންޓަބެކުންގެ ގޮތުގައި ކުޅޭނެ ކަމަށް ބެލެވެނީ ޑަޔުޓް އުޕަމެކާނޯ އާއި އިބްރާހިމާ ކޮނާޓޭ އެވެ.
އޮސްޓްރޭލިއާ
މިއީ އޮސްޓްރޭލިއާ އިން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، މުބާރާތުގެ ދެވަނަ ބުރަށް އެޓީމަށް މިހާތަނަށް ދަތުރުކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކަމަށްވާއިރު އެފަހަރު ދެވަނަ ބުރުގައި ހިތްދަތި ގޮތަކަށް އޮސްޓްރޭލިއާ ވަނީ އިޓަލީ އަތުން ބަލިވެފަ އެވެ.
މިރޭ މެޗަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އޮސްޓްރޭލިއާ އިން ޔޫރަޕްގެ ޓީމަކާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން އެންމެފަހުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން އަތުން 3-1 އިން އަދި 2010 ވަނަަ އަހަރުގެ ވޯލްޑް ކަޕްގައި ސާބިޔާ އަތުން 2-1 އިންނެވެ.
މިރޭގެ މެޗުގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮސްޓްރޭލިއާ ޓީމުގެ މާޓިން ބޯލް އަށް ނުކުޅެވޭނެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
އޮސްޓްރޭލިއާ އާއި ފްރާންސުން މިހާތަނަށް ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެ އެވެ. އޭގެތެރެއިން އޮސްޓްރޭލިއާ އަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. އެއީ 2001 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕްގަ އެވެ. އަނެއް ހަތަރު މެޗު ފްރާންސުން ކާމިޔާބުކުރިއިރު މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނިފައިވަނީ 2013 ވަނަ އަހަރު އެވެ. އެފަހަރު ފްރާންސުން އޮސްޓްރޭލިއާ ބަލިކުރީ 6-0 އިންނެވެ.
ފްރާންސް އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މި މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.