އައްޑޫގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި ބަލާ ފާސް ކުރި ތަނަކުން ގޮވާ ޒާތުގެ ކެމިކަލް ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށް ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ދާދި ފަހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރު ކުރެވިފައިވާއިރު، މިއިން އެކަކު ދިރިއުޅުނު ގެއެއް ބަލާ ފާސް ކުރުމުން އެ ގެއިން ގޮވާ ޒާތުގެ ކެމިކަލެއް ކަމަށް ޝައްކުރެވޭ ތިން ބާވަތެއްގެ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިތަކެތި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީއޯޑީ) އިން ބެލި ބެލުމުން އެ ސާމްޕަލްތަކުގައި ހައިލީ އެކްސްޕްލޯސިވް ނުވަތަ ގޮވާ ޒާތުގެ ކެމިކަލް ހުރި ކަމަށް ދައްކާފައިވާ ކަމަށެވެ. އަދި މި ކެމިކަލްތަކުން ފެނުނު ބާވަތަކީ އާންމުކޮށް ބާރުގަދަ ގޮއްވުންތަކުގައި ބޭނުން ކުރެވޭ މާއްދާއެއް ކަން އީއޯޑީއާއި ހަވާލާދީ ފުލުހުން ބުނެއެވެ. އަދި މީގެ ކުޑަ މިންވަރަކުން އިންސާނުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އީއޯޑީން ބުނެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ޓެރަރިޒަމާއި ދެކޮޅަށް މިމަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާލެ، އައްޑޫ އަދި ކ.ގުރައިދޫގައެވެ. މި އޮޕަރޭޝަނުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާއިރު މި އެންމެންނަކީ ވެސް އައްޑޫ އަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18 އަހަރުގެ، 33 އަހަރުގެ ގެ ދެ މީހުން، 35 އަހަރު އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 19 އަހަރު، 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
އަދި 20 އަހަރު، 27 އަހަރު، 30 އަހަރު، 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މީގެކުރިން ފުލުހުން ބުނެފައިވަނީ މި ހަމަލާ ދޭން އުޅުނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދު ކުރާ ބައެއް ކަމަށެވެ. އެގޮތުން މި މީހުން ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.