Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބު ދޫކޮށްލައިފި އެވެ.

ރޮނާލްޑޯ ،37، ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު އޮތީ ހަމަވާ ގޮތަށެވެ.

ރޮނާލްޑޯ މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮންޓްރެކްޓް މިވަގުތުން މިވަގުތަށް އުވާލުމަށް ކްލަބާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިއީ އާ ޗެލެންޖަކާ ދިމާލަށް ދާން ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.

ޔުނައިޓެޑް ދެކެ އަދި އެ ކްލަބުގެ ސަޕޯޓަރުން ދެކެ ވެސް ލޯބިވާ ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލާފައިވާއިރު ދާދިފަހން "ޓޯކްޓީވީ" އަށް ދިން އިންޓަވިއުގައި ޔުނައިޓެޑްގެ ކޯޗު އެރިން ޓެން ހާގް އާއި އެ ކްލަބުގެ އިސްވެރިންނަށް ރޮނާލްޑޯ ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އަދި އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށާއި ކްލަބުން އޭނާ އަށް ބޭވަފާތެރިވެފައިވާ ކަމަށްވެސް ބުނެފަ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރި ނަމަވެސް އެކަން އޭނާ އަށް ކާމިޔާބުވެފައެއް ނުވެ އެވެ. އަދި މި ސީޒަނުގައި ރޮނާލްޑޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ އިރު 16 މެޗުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ގޯލެވެ.