Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ޕޮލެންޑާއި މެކްސިކޯ މެޗު އެއްވަރު

ފީފާ ވޯލްޑް ކަޕްގައި މިރޭ ގްރޫޕް ސީ ގައި ހިމެނޭ މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި އެއްވަރުވި ދެވަނަ މެޗެވެ. ގްރޫޕް ސީ ގައި ދެން ހިމެނެނީ އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ އެވެ. ސައުދީން މިއަދު ވަނީ އާޖެންޓީނާގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި މެކްސިކޯ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ހާފް ނިމުމުގެ ސަންޗޭޒް ވަނީ ނުރައްކާތެރި ހަމަލާއެއް ޕޮލެންޑްގެ ގޯލަށް ފޮނުވާލާފަ އެވެ. އެ ހަމަލާގެ ހުރަހަކަށްވީ ޕޮލެންޑްގެ ކީޕަރު ޝެޒްނީ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 55 ވަނަ މިނެޓްގައި ޕޮލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ޕޮލެންޑަށް ލިބުނީ މެކްސިކޯގެ ކަމިންސްކީ އެޓީމުގެ ޕެނަލްޓީއޭރިއާ ތެރެއިން ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ނަމަވެސް ލެވެންޑޯސްކީ ފޮނުވާލި ޕެނަލްޓީ މެކްސިކޯގެ ތަޖުރިބާކާރު ގޯލްކީޕަރު އުޖޯއާ ވަނީ މަތަކޮށްފަ އެވެ.

ޕޮލެންޑުން ޕެނަލްޓީ ބޭކާރު ކުރިއިރު މެކްސިކޯ އިން ދެވަނަ ހާފްގައި އެކި ގޮތްގޮތުން ޕޮލެންޑްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފަަ އެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓްގައި މެކްސިކޯގެ މިޑްފީލްޑަަރު އަލްވަރޭޒް ދުރުން ފޮނުވާލި ބާރު ހަމަލާއެއް އެޓީމުގެ މާޓީން ގައިގައި ޖެހިފައި ނުރައްކާތެރި ގޮތަކަށް ގޯލާ ދިމާލަށް ދިޔަ ބޯޅައެއް ޕޮލެންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ގްރޫޕްގެ ދެވަނަ މެޗުގައި މެކްސިކޯ ބައްދަލުކުރާނީ އާޖެންޓީނާއާ އެވެ. އަދި ޕޮލެންޑް ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ.