Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

ފްރާންސަށް މޮޅެއް، ޖިރޫޑް ރެކޯޑާ ހަމަކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ގްރޫޕް ޑީ ގައި ހިމެނޭ ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް 4-1 އިން ކުރި ހޯދައިފި އެވެ.

މިރޭގެ މެޗު ހާއްސަވެފައވަނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އަށެވެ. އޭނާ މި މެޗުގައި ޖެހި ދެ ގޯލާ އެކު ވަނީ ފްރާންސަށް އެންމެ ގިނަ ގޯލް ޖަހައިގެން ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. އޮންރީ މި ރެކޯޑް ހަދާފައިވާ 51 ގޯލު ކާމިޔާބުކޮށްގެންނެވެ.

މި މެޗާއެކު ގްރޫޕް ޑީ ގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު ފްރާންސް އޮތްއިރު ޑެންމާކް އަދި ޓިއުނީޝިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އޮސްޓްރޭލިއާ އެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި އޮސްޓްރޭލިއާ އިން ވަނީ ލީޑު ނަގާ ފްރާންސް ސިއްސުވާލާފަ އެވެ. އެގޮތުން ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން އޮސްޓްރޭލިއާ އަށް ލީޑު ނަގައިދިނީ ކްރެއިގް ގުޑްވިން އެވެ.

ނަމަވެސް މެޗުގެ 27 ވަނަ މިނެޓްގައި ފްރާންސްގެ ފުލްބެކް، ތިއޯ ހަނާންޑޭޒް އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން އެޑްރިއަން ރަބިއޯ ވަނީ ފްރާންސަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި ރަބިއޯ ދިން ޕާހަކުން މެޗުގެ 32 ވަނަ މިނެޓްގައި ޖިރޫޑް ވަނީ ފްރާންސަށް ލީޑު ނަގާދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން އޮސްޓްރޭލިއާގެ އާވިން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެއް ގޯލުގެ ލީޑެއްގައި އޮވެ ފްރާންސުން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގައި ވެސް އެޓީމުން ދިޔައީ އޮސްޓްރޭލިއާގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޑެމްބެލޭ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން މެޗުގެ 68 ވަނަ މިިނެޓްގައި ފްރާންސްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި އޭގެ ތިން މިނެޓްފަހުން ފްރާންސްގެ ހަތަރުވަނަ ގޯލް ޖިރޫޑް ކާމިޔާބުކޮށްދިނީ އެމްބާޕޭ ނަގައިދިން ހުރަހަކުންނެވެ.

މިރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު އޮންރީގެ ރެކޯޑާ ޖިރޫޑް އަރާ ހަމަކުރިއިރު އޭނާ އަށް ފްރާންސްގެ ފުރަތަމަ އެގާރައިން މިފަހަރު ފުރުސަތު ލިބުނީ އަނިޔާގެ ސަބަބުން އެޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ އަށް އަނިޔާވެ މުބާރާތުގައި ކުޅެވޭ ގޮތް ނުވުމުންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފްރާންސް ބައްދަލުކުރާނީ ޑެންމާކްއާ އެވެ. އޮސްޓްރޭލިއާ ނިކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.