ޖަރުމަނުގެ އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށް އެޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ދެޖާސް ސާދަ ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނުން މިފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނިކުންނާނީ ޖަޕާނާއި ދެކޮޅަށެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕުން ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން ކަޓާފަ އެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފްލިކް ބުނީ ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި އަމާޒަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ. އަދި މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކާ މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ފްލިކް ބުންޏެވެ.
ޖަރުމަނު ލައްވާލާފައިވަނީ ވަރުގަދަ ގްރޫޕެއްގައިކަން ފާހަގަކުރަމުން ފްލިކް ވަނީ ކޮންމެ މެޗަކާ ވެސް ކުޅުންތެރިން ކުރިމަތިލާނީ ޕޮޒިޓިވް ވިސްނުމެއްގައި ތިބެގެން ކަމަށް ބުނެފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި ޖަރުމަނާއި ޖަޕާންގެ އިތުރުން ދެން ހިމެނެނީ ސްޕެއިން އާއި ކޮސްޓަރީކާ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ޖަރުމަނުގެ ލީރޯއި ސާނޭ އަށް ނުކުޅެވޭނެ އެވެ. ނަމަވެސް ގްރޫޕްގެ ދެވަނަ މެޗަށް ސާނޭ ފިޓްވާނެ ކަމަށް ފްލިކް ބުންޏެވެ. ގްރޫޕްގެ ދެވަނަ މެޗުގައި ޖަރުމަނު ބައްދަލުކުރާނީ ސްޕެއިންއާ އެވެ.
ޖަރުމަނާއި ޖަޕާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.