Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

މިއީ މޮޅަކުން މުބާރާތް ފަށަންވީ ވަގުތު

މިއީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން މޮޅުނުވުމުގެ ސިލްސިލާ އަށް ނިމުން ގެންނަންވީ ވަގުތު ކަމަށް އެޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ސްޕެއިން ކުޅުނު ފުރަތަމަ މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.

އެ ހުރިހާ މެޗެއްގައި ވެސް ކުޅުންތެރިއެއް އެއް ކުޅުންތެރިއަކީ ބުސްކެޓްސް ކަމަށްވާއިރު އޭނާ ބުނީ މިއީ މޮޅަކުން މުބާރާތް ފަށަންވީ ވަގުތު ކަމަށާއި ނަމަވެސް އެކަން ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ސްޕެއިންގެ އަމާޒަކީ މުބާރާތުގެ ފައިނަލާ ހަމައަށް ވެސް ދިޔުން ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ވިސްނާނީ ފަހަރަކު މެޗަކާ މެދު ކަމަށްވެސް ބުސްކެޓްސް ބުންޏެވެ.

"އަހަރެން ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ފުރަތަމަ މެޗުން ސްޕެއިން މޮޅުވެފައެއް ނެތް. ފުރަތަމަ މެޗުން މޮޅުވެއްޖެނަމަ އެއީ ޓީމު ހަމަޔަކަށް ވެސް އެޅޭނެ ކަމެއް. އަދި އެއީ ދެވަނަ ބުރަށް ދިޔުމަށް ވެސް އިތުރު ފަސޭހައަކަށް ވާނެ ކަމެއް." ބުސްކެޓްސް ބުންޏެވެ.

ވޯލްޑް ކަޕް 2010 ވަނަ އަހަރު ކާމިޔާބުކުރި ސްޕެއިން މިފަހަރު ލައްވާލާފައިވަނީ ޖަރުމަނާއި ކޮސްޓަރީކާ އަދި ޖަޕާންއާއެކު އެއް ގްރޫޕެއްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ސްޕެއިން ނިކުންނާނީ ކޮސްޓަރީކާއާ ދެކޮޅަށެވެ.

ސްޕެއިން އާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ.