ބެލްޖިއަމްގެ ގައުމީ ޓީމާއެކީ ކުޅޭއިރު އެޑެން ހަޒާޑަކީ ތަފާތު ކުޅުންތެރިއެއް ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
ބޮޑު އަގެއްގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ހަޒާޑަށް އެ ކްލަބުގައި އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައިވާއިރު އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް އޭނާ އަށް ކުރިމަތިވެފައިވެ އެވެ. އެއާއެކު ރެއާލްގެ ފުރަތަމަ އެގާރައިން ވެސް ހަޒާޑަށް ޖާގަ ގެއްލިފައިވާއިރު މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.
ހަޒާޑް އަކީ ބެލްޖިއަމްގެ ކެޕްޓަން ކަމަށްވާއިރު މާޓިނޭޒް ބުނީ ރެއާލްގައި ހަޒާޑް މިވަގުތު ހުރީ އުނދަގޫ ހާލަތެއްގައި ކަމަށާއި ނަމަވެސް ގައުމީ ޓީމާއެކު ހަޒާޑް އަކީ މުޅިން ތަފާތު ކުޅުންތެރިއެއް ކަމަށެވެ. ހަޒާޑަކީ ހުނަރުވެރި އަދި ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އެ ކަންކަން ހަޒާޑްގެ ފަރާތުން ގެއްލިގެން ނުދާ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
"އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ހަޒާޑް ވެސް އޭނާގެ މަގާމަށް ވާދަކުރަންޖެހޭނެ. ޓީމުގެ ތެރޭގައި ވާދަވެރިކަން އޮތުމަކީ ރަނގަޅެއް." ކޯޗު ބުންޏެވެ.
ވޯލްޑް ކަޕްގައި މިރޭ ބެލްޖިއަމް އިން ކެނެޑާއާ ދެކޮޅަށް ނިކުންނައިރު އަނިޔާގެ ސަބަބުން އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. އަދި އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ ގްރޫޕްގެ ތިންވަނަ މެޗުގައި ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
ގްރޫޕް އެފްގައި ބެލްޖިއަމް އާއި ކެނެޑާގެ އިތުރުން ދެން ހިމެނެނީ ކްރޮއޭޝިއާ އާއި މޮރޮކޯ އެވެ. ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.