Last Updated: July 17, 15:06
Friday, July 17, 2026
ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބް، މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން އެ ކްލަބުގެ ވެރިން ނިންމައިފި އެވެ.

އެމެރިކާ އަށް ނިސްބަތްވާ ގްލޭޒާ އާއިލާ އިން 2005 ވަނަ އަހަރު ޔުނައިޓެޑް ގަތީ 790 މިލިއަން ޕައުންޑަށެވެ. އެ ކްލަބު ވިއްކާލުމަށް ގޮވާލާ ޔުނައިޓެޑްގެ ސަޕޯޓަރުން ފާއިތުވި އަހަރުތަކުގައި ވަަނީ ގިނަ އެއްވުންތައް ބާއްވާފަ އެވެ.

ގްލޭޒާ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ހިންގާނެ ގޮތުގެ އާ ސްޓްރެޓަޖީތަކެއް ހޯދުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ކްލަބަށް އާ އިންވެސްޓްމެންޓްތައް ގެނައުން ނުވަތަ ކްލަބް ވިއްކާލުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ނިންމާނީ ޔުނައިޓެޑާއި ކްލަބަށް އެންމެ ފައިދާ ހުރި ނިންމުމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ ވެރިން މިހާރު ވަނީ ކްލަބު ވިއްކާލުމުގެ ކަންކަން ފެށުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފަ އެވެ.

މި މަރުހަލާ ކުރިއަށް ގެންދިޔުމުގައި ޔުނައިޓެޑަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ރެއިން ގްރޫޕުންނެވެ. ރެއިން ގްރޫޕުން މީގެކުރިން ވަނީ ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ ވިއްކާލުމުގެ މަރުހަލާގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

ޔުނައިޓެޑް ވިއްކާލަން ނިންމިއިރު 2013 ވަނަ އަހަރަށްފަހު އެ ކްލަބަށް ޕްރިމިއާ ލީގެއް ހޯދިފައެއް ނުވެ އެވެ. އަދި 2017 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް މިހާތަނަށް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ވެސް ނުވެ އެވެ.