Last Updated: July 17, 11:13
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ކްރޮއޭޝިއާ-މޮރޮކޯ

ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ މެޗުތައް މިއަދު ފަށާއިރު، އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ހަތަރު މެޗު ކުޅޭނެ އެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެފްގައި ހިމެނޭ ކްރޮއެޝިއާ އާއި މޮރޮކޯ އެވެ.

މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ނަމެކެވެ. ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކްރޮއޭޝިއާ އަށް އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ވެގެންދިޔައީ މާ ކާމިޔާބު މުބާރާތަަކަށް ނޫނެވެ. އެގޮތުން އެ މުބާރާތުގެ ދެވަނަ ބުރުން ކްރޮއޭޝިއާ ބަލިވީ ސްޕެއިން އަތުން 5-3 އިންނެވެ.

ސްޕެއިން އަތުން ބަލިވި މެޗަށްފަހު އެންމެފަހުން ކްރޮއޭޝިއާ ކުޅުނު 16 މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ މެޗަކުންކަން ފާހަގަކޮށްލެވެ އެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކުރި ހަތަރު ޓީމުގެ ތެރޭގައި ކްރޮއޭޝިއާ ހިމެނެ އެވެ. ނަމަވެސް ވޯލްޑް ކަޕަށް ތައްޔާރުވަން ކްރޮއޭޝިއާ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެ ވަނީ 1-0 އިން ބަލިވެފަ އެވެ.

ފީފާ ރޭންކިންގެ 22 ވަނައިގައި އޮތް މޮރޮކޯ އިން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފައިވާއިރު އެފަހަރު އެޓީމު ލައްވާލީ ޕޯޗުގަލް އާއި ސްޕެއިންއާ އެއް ގްރޫޕެއްގަ އެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް އެ ދެ ޓީމާއި ދެކޮޅަށް ވެސް މޮރޮކޯ އިން ހިތްވަރުގަދަ ކުޅުމެއް ދައްކާފައިވެ އެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މޮރޮކޯ ކެޓިއިރު އެޓީމުން ވަނީ މިދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ.

މޮރޮކޯ މިފަހަރުގެ މުބާރާތާ ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި އޮވެ އެވެ. އެގޮތުން އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް މޮރޮކޯ ބަލިވެފައި ނުވާއިރު އެޓީމުން ވަނީ ދެކުނު އެފްރިކާ އާއި ޗިލީ އަދި ޖޯޖިއޯ ފަދަ ޓީމުތައް ބަލިކޮށްފަ އެވެ.

ކްރޮއޭޝިއާ

މިއީ ކްރޮއޭޝިއާ އިން ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. ފާއިތުވި ފަސް މުބާރާތުގެ ތެރެއިން ތިން މުބާރާތުން ކްރޮއޭޝިއާ ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. އަނެއް ދެ މުބާރާތުގައި ކްރޮއޭޝިއާ ވަނީ ސެމީ އަދި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން ވަނީ އެފްރިކާގެ ގައުމުތަކާ ދެކޮޅަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެގޮތުން 2014 ގެ ވޯލްޑް ކަޕްގައި ކެމަރޫން އަތުން 4-0 އިން ކްރޮއޭޝިއާ މޮޅުވިއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން ވަނީ ނައިޖީރިއާގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް ކްރޮއޭޝީއާ ޓީމުގައި ނެތެވެ.

މޮރޮކޯ

މިއީ މޮރޮކޯ އިން ވެސް ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރެވެ. އެޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ މިހާތަނަށް ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެފަހަރު ދެވަނަ ބުރުގައި ޖަރުމަނު އަތުން މޮރޮކޯ ވަނީ 1-0 އިން ބަލިވެފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު މޮރޮކޯ ޓީމުގައި ވެސް އަނިޔާގެ މައްސަލަތަކެއް ނެތެވެ. އެގޮތުން އަނިޔާގައި ހުރި މޮރޮކޯގެ ޑިފެންޑަރު ނައިފް އަގާޑް ވަނީ މުބާރާތަށް ފިޓްވެފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މި ދެ ޓީމު ވަނީ 1996 ވަނަ އަހަރު މެެޗެއްގައި ބައްދަލުކޮށްފަ އެވެ. ތިން ރަތްކާޑު ފެނިގެންދިޔަ އެ މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ނަމަވެސް ޕެނަލްޓީގައި 7-6 އިން ކްރޮއޭޝިއާ އިން ވަނީ މޮރޮކޯގެ މައްޗަށް ކުރި ހޯދާފަ އެވެ.

ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރާ މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.