Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ބޮޑު މުސާރަ ލިބޭއިރުވެސް މެމްބަރުން މަޖިލީހަށް ހާޒިރުނުވާތީ ކަންބޮޑުވުން

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޮޑު މުސާރަ ލިބޭއިރުވެސް މެމްބަރުން މަޖިލީހަށް ހާޒިރުނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 22 މެމްބަރުންނެވެ. މަދު މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިބުމުން ރައީސް ނަޝީދު ވަނި ނުރުހުން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށާއި، ކޮމެޓީ އެލަވަންސްވެސް ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ.

"މެންބަރެއްގެ މުސާރައިގެ ގޮތުގައި 80 ހާހަށް ވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބުވެފައިވާ ބައެއް ކަމަށާއި، މެމްބަރުން މަޖިލީހަށް ހާޒިރުވެ ބަހުސްގައި ބައިވެރިވެވަޑައިގެން މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަ ދައްކަވާ ހިޔާލު ފާޅުކުރުމަކީ މަޖިލީހުގެ އަސާސީ މަގުސަދު ކަމަށެވެ.

މީގެކުރިންވެސް ރައީސް ނަޝީދު ވަނީ މަޖިލީހުގެ ހާޒިރީއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.