Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

މާލޭ މީހަކަށް ލިބުނު ބޯހިޔާވަހި ކަމެއް ނެތް: އީވާ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިސަރުކާރުގެ ހަތަރު އަހަރު ނިމުނު އިރު މާލޭގެ ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތްކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ބަޖެޓަކީ ފަސް އަހަރުގެ ދައުރެއް ނިންމާލާ ބަޖެޓް ކަމަށާއި، ހަތަރު އަހަރު ނިމުނުއިރު މިސަރުކާރުން ފަށައިގެން މާލޭގެ ރައްޔިތަކަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތްކަމަށެވެ.

"ހަތަރު އަހަރު ވީއިރު ނުކުރީމާ އޭގެ މާނައަކީ ތަރުތީބުގެ ލިސްޓުގައި ވަރަށް ތިރިއަށޭ މާލޭގެ އެންމެ ބޮޑު އަސާސީ ވައުދުއެވަނީ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މާލެ ބާކީ ކުރުމުގެ މާނައަކީ މާލެއާ ނުލާ ވެރިކަން ކުރަން އުޅޭކަމަށް ބުނުންކަމަށެވެ. ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކުރާ ކަމަށްވާނަމަ މާލޭގެ ބޯހިޔާވަހިކަންވެސް ހިމަނަންޖެހޭނެކަމަށް ވިދާޅުވިއެވެ.

"މިވަރަށް ސަރުކާރުން މާލެއަށް ނޯ ޖަހާފައި، ދެން ރައީސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެން ތިމަންނާއަށް ދެވަނަ ދައުރޭ ވިދާޅުވިއަސް އެއީކީ އަޅުގަނޑަކަށް ޗޮއިސެއް ނޫން." އީވާ ވިދާޅުވިއެވެ.

މީގެއިތުރުން އީވާ ވިދާޅުވި ސަރުކާރުން ކަންކުރާގޮތާމެދު ކަންބޮޑުވުން ފާޅުކުރާ ކޮންމެ މީހަކީ ހަސަދަވެރިކަން އޮތް މީހެއްކަމަށް ބުނަމުން އަންނަކަމަށެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ އުންމީދު ނިމޭހިސާބަކީ ބަނދަރެއް އެކަންޏެއް ނޫންކަމަށާއި، ބަނދަރަކީ އަދި ނަރުދަމާއަކި އަސާސީ ހައްގެއް ކަމަށެވެ. އަދި އެމްޑީޕީއާ މެދު ރައްޔިތުންގެ އޮތް އުންމީދުތައް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.