އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ގޮސް ރާއްޖޭގެ އަގު ބޮޑު ރިސޯޓްތަކުގެ ސްވިމިން ޕޫލްތަކާއި ހިތްގައިމު ބީޗްތަކުގައި ފޮޓޯތައް ނަގައި އެ އެއްޗެހި ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ދެއްކުންތެރި ކަމަށް ކުރާ ކަމެއްގެ ގޮތުގައި އެކްޓަރު ސުނިލް ޝެޓީ ސިފަކޮށްފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި 60 އަހަރުގެ އެކްޓަރު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ ތަރިންގެ "ޕޮޝް" ލައިސްޓައިލް ސޯޝަލް މީޑިއާގައި އާންމުކުރުމަކީ އެ މީހުންގެ ފޭނުންނާ އެހާ ރިލޭޓްވާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"ފިލްމީ ތަރިން ހީރޯއިންގެ ގޮތުގައި އޯޑިއަންސް ބަލައިގަންނަނީ އެ މީހުން ކުޅޭ ފިލްމުތަކާއި ކެރެކްޓާތަކުން މުޖުތައަމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުން. ސޯޝަލް މީޑިއާގައި ތަރިން ދައްކުވައިދޭ އަގުބޮޑު ލައިފްސްޓައިލަކީ ހަގީގަތުގައި އޯޑިއަންސާ ރިލޭޓްވާ ކަމެއް ނޫން،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އެ ކަހަލަ މަންޒަރުތައް މާ ގިނައިން ފެނުނީމަ މީހުން ފޫހިވެ، އެ މީހަކާ ދޭތެރޭ ދެކޭ ގޮތް ބަދަލުވުން ނޫން ކަމެއް ނުވާނެ."
@kalam734758 sunil shetty In Maldives #siyam world#tiktokmaldives #officialeventsmv #foryou #viral ♬ Dil Ne Yeh Kaha Hain Dil Se (From "Dhadkan") – Udit Narayan & Alka Yagnik & Kumar Sanu
މި މޭރުމުން ވާހަކަ ދައްކަމުން ސުނިލް ސިފަކުރި ގޮތުގައި ފިލްމީ ތަރިންގެ އެ މީހުންގެ އަގުބޮޑު ލައިފްސްޓައިލްގެ ތެރެއިން ރާއްޖެ ކަހަލަ މަންޒިލްތަކަށް ޗުއްޓީ އަށް ގޮސް ފޮޓޯތައް ނަގައި އާންމުކުރުމާއި އަގުބޮޑު ރެސްޓޯރަންތަކަށް ގޮސްގެ ފޮޓޯތައް އާންމުކުރުމަކީ ދެއްކުންތެރިކަމެވެ.
"އެއާޕޯޓްތަކަށް ވަންނަ ތަނާއި ނުކުންނަ ތަނާއި ޖިމްތަކުގައި ކުރާ ކަންކަކައި މިހެން ގޮސް ބޮކްސާގައި ރާއްޖޭގެ ޕޫލްތަކަށް އެރި ފޮޓޯ ނެގުމާއި އަގު ބޮޑު ރެސްޓޯރަންޓްތަކަށް ގޮސް ސުޝީގެ ފޮޓޯ ނަގައި އާންމުކުރުމަކީ އާންމުން ފިލްމީ ތަރިންގެ ފަރާތުން އެދޭ ކަންކަމެއް ނޫން،" ސުނިލް ބުންޏެވެ. "އޯޑިއަންސަށް ހީރޯއަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދޭ މީހުން."
އޭނަ ބުނި ގޮތުގައި ފިލްމީ ތަރިންނަށް ލިބޭ ބޮޑު އާމްދަނީއާ އެކު އެ މީހުންގެ ތަނަވަސް ދިރިއުޅުން ދެއްކުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި އެއީ ގަޔާވާ ކަމެއް ނޫން ކަމަށް ވެސް "ދަޅްކަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ސުނިލް ބުންޏެވެ.