ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ މެޗުތައް ފަށާފައިވާއިރު، އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އީގައި ހިމެނޭ ޖަރުމަނާއި ޖަޕާން އެވެ.
އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް މުބާރާތަކީ ޖަރުމަނުން އެއްގޮތަކަށް ވެސް ހަނދާން އާކުރަން ބޭނުންވާނެ މުބާރާތެއް ނޫނެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އެ މުބާރާތުގައި ވާދަކުރި ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން ކަޓާފަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ވަނީ ދެވަނަ ބުރުން ކަޓާފަ އެވެ. އޭގެފަހުން ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަނު ހިމެނުނު ގްރޫޕުން ލިބުނީ ތިންވަނަ އެވެ.
މި މުބާރާތާއި ކުރިމަތިލާއިރު ޖަރުމަނު އޮތީ ވެސް އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެގޮތުން އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ޖަރުމަނުން ވޯލްޑް ކަޕަށް ތައްޔާރުވާން މިދިޔަ ހަފްތާގައި ވަނީ އޮމާންއާ ދެކޮޅަށް ކުޅެ 1-0 އިން ވަނީ މޮޅުވެފަ އެވެ. ޖަރުމަނަކީ ގަތަރު ނެގުމަށްފަހު މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމެވެ.
އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ޖަޕާނަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އާންމުކޮށް މުބާރާތާއި އަލްވަދާޔު ކިޔާ ޓީމެކެވެ. އެކަން ބަދަލުކުރަން ޖަޕާނުން މިފަހަރު އަމާޒު ހިފާފައިވާއިރު އެޓީމުން ވަނީ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅުނު 18 މެޗުގެ ތެރެއިން 15 މެޗުން މޮޅުވެ ޖުމްލަ 58 ގޯލް ކާމިޔާބުކޮށްފަ އެވެ.
ޖަޕާނުން އެންމެފަހުން ކުޅުނު ހަ މެޗަށް ބަލާއިރު އެޓީމު ވަނީ ދެ މެޗުން މޮޅުވެ، ދެ މެޗުން ބަލިވެ އަދި އަނެއް ދެ މެޗުން އެއްވަރުވެފަ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުން ކުޅުނީ ކެނެޑާއާ ދެކޮޅަށެވެ. އެ މެޗުން 2-1 އިން ޖަޕާން ވަނީ ބަލިވެފަ އެވެ.
ޖަރުމަނު
މިއީ ޖަރުމަނުން ވޯލްޑް ކަޕްގައި ވާދަކުރާ 20 ވަނަ ފަހަރެވެ. ވޯލްޑް ކަޕަށް އެންމެ ގިނަ ފަހަރަށް ކޮލިފައިވާ ދެ ޓީމަކީ ޖަރުމަނާއި ބްރެޒިލް އެވެ. ޖަރުމަނު އެންމެފަހުން ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވަނީ 1950 ވަނަ އަހަރު އެވެ.
ޖަރުމަނުން ވަނީ 2018 ވަނަ އަހަރަށްފަހު ކުޅުނު ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއްގެ ވެސް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މިދިޔަ ވޯލްޑް ކަޕްގައި ޖަރުމަނު މުބާރާތް ނިންމާލީ ގްރޫޕްގެ ފުލުގައި އޮވެ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ޖަރުމަނުގެ ލީރޯއި ސާނޭ އަށް ނުކުޅެވޭނެ އެވެ. ނަމަވެސް މި މެޗަށް ޖަރުމަނުގެ ފޯވާޑް ތޯމަސް މުލާ ވަނީ ފިޓްވެފަ އެވެ.
ޖަޕާން
މިއީ ޖަޕާނުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. ޖަޕާން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު އެވެ. ޖަޕާނަކީ ދެކުނު ކޮރެޔާ ނެގުމަށްފަހު ވޯލްޑް ކަޕަށް ޖެހިޖެހިގެން އެންމެ ގިނައިން ކޮލިފައިވި އޭޝިއާގެ ޓީމެވެ. ދެކުނު ކޮރެޔާ ވަނީ ޖެހިޖެހިގެން މި މުބާރާތަށް 10 ފަހަރު ކޮލިފައިވެފަ އެވެ.
ޖަޕާނުން މިހާތަނަށް ވޯލްޑް ކަޕްގައި ވަނީ ޖުމްލަ 21 މެޗު ކުޅެފަ އެވެ. ނަމަވެސް އޭގެތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް މެޗެވެ. ޖަޕާނުން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރާއި ހަމައަށް ދަތުރުކޮށްފަ އެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް ޖަޕާނު ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ ވޯލްޑް ކަޕްގައި ޖަރުމަނާއި ޖަޕާން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމުން ވެސް މީގެކުރިން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން އެއް މެޗުން ޖަރުމަނު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަނެއް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ޖަރުމަނާއި ޖަޕާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.