Last Updated: July 17, 11:13
Friday, July 17, 2026
ކުޅިވަރު

މޮރޮކޯ އިން ކްރޮއޭޝިއާ ހުއްޓުވައިފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ހިމެނޭ މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ނުފެނި ނިމިގެންދިޔަ ތިންވަނަ މެޗެވެ. މި ގްރޫޕްގައި ކްރޮއޭޝިއާ އާއި މޮރޮކޯގެ އިތުރުން ދެން ހިމެނެނީ ބެލްޖިއަމް އާއި ކެނެޑާ އެވެ.

ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންްް ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހަން ދެ ޓީމަށް ވެސް ތަނަވަސްކުރެވިފައިވަނީ މަދު ފުރުސަތުތަކެކެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރޮއޭޝިއާ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނުއިރު އެޓީމުގެ ވްލަސިޗް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރޯ މޮރޮކޯގެ ގޯލްކީޕަރު ބޯނޫ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި މޮރޮކޯ އިން ވެސް ވަނީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ޓެސްޓުކޮށްލާފަ އެވެ. އެގޮތުން ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ މޮރޮކޯގެ މަޒަރާއީ ބޮލުން ފޮނުވާލި ހަމަލާ ލިވަކޮވިޗް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކްރޮއޭޝިއާ އިން ކުޅުނު ނަމަވެސް މޮރޮކޯގެ ޑިފެންސަލައިނަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވިފައެއް ނުވެ އެވެ. ކްރޮއޭޝިއާ އަކީ އެންމެފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ބެލްޖިއަމް އާއި ކެނެޑާ މިރޭ ބައްދަލުކުރާނެ އެވެ. އެ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.