ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ މެޗުތައް ފަށާފައިވާއިރު މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އީގައި ހިމެނޭ ސްޕެއިން އާއި ކޮސްޓަރީކާ އެވެ.
ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސްޕެއިނުން ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ. އަދި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކުރީ ސްޕެއިނުންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކަކީ ސްޕެއިނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މާ ކާމިޔާބު އަހަރުތަކެއް ނޫނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނުން ނިންމާލީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. އަދި މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ވަނީ ކަޓާފަ އެވެ.

ސްޕެއިންގެ ކޯޗުކަމާ ލުއިސް އެންރީކޭ ހަވާލުވުމަށްފަހު ޒުވާނުން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އެކުލަވާލާފައިވާއިރު ސްޕެއިނުން ވަނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މިއަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާ ހަތަރު ޓީމުގެ ތެރޭގައި ވެސް ސްޕެއިން ހިމެނެ އެވެ. ސްޕެއިން ވޯލްޑް ކަޕަށް ކޮލިފައިވީ ކުޅުނު 8 މެޗުގެ ތެރެއިން ލިބުނު 19 ޕޮއިންޓާ އެކު އެވެ. ކޮލިފައިންގައި އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ.
ކޮސްޓަރީކާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1990 އަހަރު އެވެ. އެފަހަރު ކޮސްޓަރީކާ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އަދި 2014 ވަނަ އަހަރު އިޓަލީ އާއި އުރުގުއޭ އަދި އިންގްލެންޑާއެކު އެއް ގްރޫޕެއްގައި ހިމެނި ކޮސްޓަރީކާ ވަނީ އެ ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. އެފަހަރު ކޮސްޓަރީކާ ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.

މީގެކުރިން އިކުއެޑޯ އަދި ހޮންޑިއުރާސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ލުއިސް ފެނާންޑޯ ސުއަރޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ ކޮސްޓަރީކާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފްގައި ނިއުޒިލެންޑް 1-0 އިން ބަލިކޮށްގެންނެވެ. ކޮސްޓަރީކާ އަކީ ވޯލްޑް ކަޕަށް އެންމެފަހުން ކޮލިފައިވި ޓީމެވެ.
ސްޕެއިން
މިއީ ސްޕެއިނުން ވާދަކުރާ 16 ވަނަ ވޯލްޑް ކަޕް ކަމަށްވާއިރު މިއީ އެޓީމުން މި މުބާރާތުގައި ޖެހިޖެހިގެން ވާދަކުރާ 12 ވަނަ ފަހަރެވެ. އޭގެތެރެއިން ސްޕެއިން ގްރޫޕް ސްޓޭޖާ ހިސާބުން ކެޓީ ތިން ފަހަރު އެވެ.
އެންމެފަހުގެ ތިން ވޯލްޑް ކަޕްގައި ވެސް ކުޅުނު ފުރަތަމަ މެޗުން ސްޕެއިނަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް ސްޕެއިން ޓީމުގައި ނެތެވެ.
ކޮސްޓަރީކާ
މިއީ ކޮސްޓަރީކާ ވޯލްޑް ކަޕްގައި ވާދަކުރާ ފަސްވަނަ ފަހަރު ކަމަށްވާއިރު މިއީ ވޯލްޑް ކަޕްގައި އެޓީމުން ޖެހިޖެހިގެން ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕްގައި އެންމެފަހުން ކޮސްޓަރީކާ އިން ކުޅުނު ހަ މެޗުން ވެސް އެޓީމެއް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެ ހަ މެޗުގައި އެޓީމަށް ގޯލެއް ވެސް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް ކޮސްޓަރީކާ ޓީމުގައި ވެސް ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެކުވެރިކަމުގެ މެޗުތަކުގައި މި ދެ ޓީމު މީގެކުރިން ވަނީ ތިން ފަހަރު ބައްދަލުކޮށްފަ އެވެ. އެ ތިން މެޗުން ވެސް ސްޕެއިން ބަލިވެފައެއް ނުވެ އެވެ. އަދި މިއީ 2011 ވަނަ އަހަރަށްފަހު މި ދެ ޓީމު ބައްދަލުކުރާ ހަތަރުވަނަ ފަހަރެވެ.
ސްޕެއިން އާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.