ފީފާ ވޯލްޑް ކަޕްގައި މިރޭ ފަހަތުން އަރައި ޖަރުމަނުގެ މައްޗަށް 2-1 އިން ޖަޕާނުން ކުރި ހޯދައިފި އެވެ.
މިއީ ޖަޕާނުގެ ތާރީހުގައި ވެސް ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފަހަތުން އަރައި ޖަޕާނުން ހޯދި ފުރަތަމަ މޮޅުވެސް މެ އެވެ. އަދި މިއީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ބަލިވީ މެކްސިކޯ އަތުން 1-0 އިންނެވެ.
ގްރޫޕް އީ ގައި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ކޮސްޓަރީކާ އާއި ސްޕެއިން އެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ޖަރުމަނުން ކުޅުނުއިރު މެޗުގެ 33 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ ޖަރުމަނަށް ލިބުނީ އެޓީމުގެ ރައުމް އަށް ޖަޕާނުގެ ގޯލްކީޕަރު ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލަށްފަހު ވެސް ޖަރުމަނުން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދެވަނަ ހާފްގައި ފޮނުވާލާފަ އެވެ. އެގޮތުން ޖަމާލް މުސިއާލާ އާއި ޖޯޝުއާ ކިމިޗް ދުރުން ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެ އެވެ. އަދި ދެވަނަ ހާފްގައި ގުންޑޮގާން ފޮނުވާލި ހަމަލާއެއް ޖަޕާނުގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ޖަޕާނުން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 75 ވަނަ މިނެޓްގައި ރިޓްސޫ ޑޯން ވަނީ ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 83 ވަނަ މިނެޓްގައި ޖަޕާނަށް މެޗުގެ ލީޑު ނަގައިދިނީ ޓަކުމާ އަސާނޯ އެވެ. އަސާނޯ މި ގޯލް ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ގޮރެޓްޒްކާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ގްރޫޕް އީ ގައި ހިމެނޭ ސްޕެއިން އާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.