Last Updated: July 17, 11:13
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ބެލްޖިއަމް-ކެނެޑާ

ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ ފަހު މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެފްގައި ހިމެނޭ ބެލްޖިއަމް އާއި ކެނެޑާ އެވެ. މި ގްރޫޕްގައި މިއަދު މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު މިރޭގެ މެޗަކީ ގްރޫޕްގެ ކުރިއަށް ޖެހިލަން ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.

ބެލްޖިއަމް އަކީ ވޯލްޑް ކަޕަށް އާ ޓީމަކަށް ނުވާއިރު ރަޝިއާގައި މީގެ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފައިވެ އެވެ. ހުނަރުވެރި ކުޅުންތެރިން ބެލްޖިއަމްގައި ގިނަ ނަމަވެސް އެޓީމަށް ބޮޑު މުބާރާތެއްގައި އެޓީމަށް މާ އެދެވޭ ކާމިޔާބެއް ލިބިފައި ނެތުމަކީ މިފަހަރުގެ މުބާރާތަށް ނިކުންނައިރު ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒަށް އޮތް ޕްރެޝަރެކެވެ. ފަހަރުގައި މިއީ ބެލްޖިއަމްގައި ތިބި ނަން މަޝްހޫރު ބައެއް ކުޅުންތެރިންގެ ފަހު މުބާރާތަށް ވުން ވެސް ކައިރި އެވެ.

ބެލްޖިއަމް އިން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ މާބޮޑު އުނދަގުލަކާ ނުލަ އެވެ. އެގޮތުން ކޮލިފައިންގެ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ބެލްޖިއަމުން ތިން ގޯލް ޖެހިއިރު ބެލްޖިއަމް އަކީ ވަރަށް އެޓޭކިން ސްޓައިލެއްގެ ޓީމެކެވެ. ނަމަވެސް މިފަހަރުގެ މުބާރާތަށް ނިކުންނައިރު އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަނިޔާގައި ހުރުމަކީ ބެލްޖިއަމަށް އޮތް ކަންބޮޑުވުމެކެވެ. އެގޮތުން ލުކާކޫއާ ނުލާ ކުޅެ ބެލްޖިއަމް އެންމެފަހުން މިސްރާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 2-1 އިން ބަލިވެފަ އެވެ.

އުތުރު އެމެރިކާގެ ކޮލިފައިންގައި އެމެރިކާ އާއި މެކްސިކޯ ފަހަތަށް ޖައްސާލައި ކޮލިފައިންގެ އެއްވަނަ ހޯދައިގެން ވޯލްޑް ކަޕަށް ކޮލިފައިވި ކެނެޑާ އަށް މިފަހަރުުގެ މުބާރާތް ވަރަށް ވެސް ހާއްސަ އެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕަކީ 36 އަހަރަށްފަހު ކެނެޑާ އިން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގެ ތަޖުރިބާއެއް ނެތް ނަމަވެސް ކެނެޑާ ޓީމުގައި ތިބީ ޒުވާން ހުނަރުވެރި ކުޅުންތެރިންނެވެ. އެގޮތުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ އަލްފޮންސޯ ޑޭވިސް އާއި ފްރާންސްގެ ލިލް އަށް ކުޅެމުން އަންނަ ޖޮނަތަން ޑޭވިޑް ފާހަގަކޮށްލެވެ އެވެ.

ވޯލްޑް ކަޕަށް ނިކުންނައިރު އެޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. އެގޮތުން ވޯލްޑް ކަޕަށް ތައްޔާރުވާން ކެނެޑާ އިން ކުޅުނީ ޖަޕާންއާ ކަމަށްވާއިރު އެ މެޗު 2-1 އިން އެޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ.

ބެލްޖިއަމް

މިއީ ބެލްޖިއަމުން ވޯލްޑް ކަޕްގައި ވާދަކުރާ 13 ވަނަ ފަހަރު ކަމަށްވާއިރު އެޓީމަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ޓީމަކީ ބެލްޖިއަމް އެވެ. އެ މުބާރާތުގެ ތިންވަނަ ހޯދި ބެލްޖިއަމުން ވަނީ މުބާރާތުގައި ޖުމްލަ 16 ގޯލް ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅުނު 12 މެޗުން ވެސް ބެލްޖިއަމް ބަލިވެފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖު މެޗަކުން އެޓީމު އެންމެފަހުން ބަލިވެފައިވަނީ 1994 ވަނަ އަހަރު ސައުދީ އަރަބިއްޔާ އަތުންނެވެ.

މި މެޗަށް ނިކުންނައިރު ލުކާކޫގެ އިތުރުން ވެސް ބެލްޖިއަމްގައި އަނިޔާގެ މައްސަލަތަކެއް އެބަ އުޅެވެ. އެގޮތުން އެޓީމުގެ ފުލްބެކް ތޯމަސް މެނުއޭ އާއި ޑިފެންޑަރު ވެޓޮންގެން ތިބީ އަނިޔާގަ އެވެ.

ކެނެޑާ

ވޯލްޑް ކަޕްގައި ކެނެޑާ އެންމެފަހުން ވާދަކުރީ 1986 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ކެނެޑާ އިން ނިންމާލީ މެޗަކުން މޮޅެއް ނުލިބި އެވެ. އަދި އެންމެ ގޯލެއް ވެސް އެފަހަރު ކެނެޑާ އަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ކެނެޑާ އިން އެންމެފަހުން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު 12 މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ހަތް މެޗުން އެޓީމު ބަލިވެފައިވާއިރު ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މެޗަށް ނިކުންނައިރު ކެނެޑާ އަށް ލިބޭ އެންމެ ބޮޑު ހިތްހަޖެހުމަކީ އަނިޔާގައި ހުރި އަލްފޮންސޯ ޑޭވިސް މި މެޗަށް ފިޓްވެފައި ވުމެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މި ދެ ޓީމު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާތަނަށް ބައްދަލުކޮށްފައިވަނީ 1989 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި އެކަންޏެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ބެލްޖިއަމުންނެވެ.

ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.