ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި މިރޭ ކޮސްޓަރީކާގެ މައްޗަށް 7-0 ގެ ނަތީޖާއަކުން ސްޕެއިނުން ކުރި ހޯދައިފި އެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އަދި މިއީ ވޯލްޑް ކަޕްގެ މެޗެއްގައި ސްޕެއިނުން ހަތް ގޯލް ޖެހި ފުރަތަމަ ފަހަރުވެސް މެ އެވެ.
ގްރޫޕް އީ ގައި މިހާރު ކޮންމެ ޓީމަކުން ވެސް ވަނީ އެއް މެޗު ކުޅެފަ އެވެ. އެގޮތުން މި ގްރޫޕްގައި މިރޭ ޖަޕާނުން ވަނީ ފަހަތުން އަރާ 2-1 އިން ޖަރުމަނު ބަލިކޮށްފަ އެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ސްޕެއިންގެ ފަރާތުން ރީތި ކުޅުމއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 11 ވަނަ މިނެޓްގައި ޑެނީ އޮލްމޯ ވަނީ ސްޕެއިނަށް ލީޑު ނަގާދީފަ އެވެ. މި ގޯލަކީ ސްޕެއިނުން ވޯލްޑް ކަޕްގައި ކާމިޔާބުކުރި 100 ވަނަ ގޯލެވެ.
މި ގޯލަށްފަހު ވެސް ސްޕެއިނުން ދިޔައީ ކޮސްޓަރީކާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޖޯޑީ އަލްބާ ކޮސްޓަރީކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ގޯލަށް ފޮނުވާލައިގެން ސްޕެއިންގެ ދެވަނަ ގޯލް މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯ އެވެ.

ސްޕެއިންގެ ތިންވަނަ ގޯލަކީ މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފެރަން ޓޮރޭސް ކާމިޔާބުކޮށްދިން ގޯލެކެވެ. މި ޕެނަލްޓީ ސްޕެއިނަށް ލިބުނީ ކޮސްޓަރީކާގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު އަލްބާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސްޕެއިނުން ނިންމާލިއިރު މެޗުގެ 54 ވަނަ މިނެޓްގައި ސްޕެއިންގެ ހަތަރުވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ޓޮރޭސް އެވެ. މިއީ ސްޕެއިންގެ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 15 ވަނަ ގޯލެވެ. އަދި ސްޕެއިންގެ ފަސްވަނަ ގޯލް އަލްވަރޯ މޮރާޓާ ދިން ޕާހަކުން މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ގަވީ އެވެ. ގަވީ މި ގޯލް ކާމިޔާބުކުރީ ކޮސްޓަރީކާގެ ޕެނަަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ސްޕެއިންގެ ފަހު ދެ ގޯލް ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެގޮތުން އެޓީމުގެ ހަވަނަ ގޯލް ކާލޮސް ސޮލާ ކާމިޔާބުކޮށްދިންއިރު ހަތްވަނަ ގޯލް ކާމިޔާބުކޮށްދިނީ މޮރާޓާ އެވެ.
ގްރޫޕް ސްޓޭޖުގައި ސްޕެއިން ދެން ބައްދަލުކުރާނީ ޖަރުމަނާ އެވެ. އަދި ކޮސްޓަރީކާ ނިކުންނާނީ ޖަޕާންއާ ދެކޮޅަށެވެ.