ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ކެނެޑާގެ މައްޗަށް 1-0 އިން ބެލްޖިއަމް އިން ކުރި ހޯދައިފި އެވެ.
މި މެޗާއެކު ގްރޫޕް އެފްގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. މި ގްރޫޕްގައި މިއަދު ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ކެނެޑާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު ލީޑު ނަގަން މެޗުގެ 8 ވަނަ މިނެޓްގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ލިބުނީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ކަރަސްކޯ އަތުގައި ބޯޅަ ޖެހުމުން ކަމަށްވާއިރު ކެނެޑާގެ އަލްފޮންސޯ ޑޭވިޑް ފޮނުވާލި އެ ޕެނަލްޓީ ބެލްޖިއަމްގެ ގޯލްކީޕަރު ތިބީ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ކެނެޑާ އިން ހުއްޓުމެއް ނެތި ބެލްޖިއަމް ފަހަތަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަަމަވެސް މެޗުގެ 44 ވަނަ މިނެޓްގައި ބެލްޖިއަމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މިޗީ ބަޓްޝުއާއީ ވަނީ ބެލްޖިއަމަށް ލީޑު ނަގާދީފަ އެވެ. ބަޓްޝުއާއީ މި ގޯލް ކާމިޔާބުކުރީ ކެނެޑާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމްގެ ލީޑު ފުޅާކޮށްލަން ވެސް ބަޓްޝުއާއީ އަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. މި ހާފުގައި ކެނެޑާ އިން ބޮޑަށް ބެލީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްތަކެއް ނަގައިގެން އެޓީމުގެ ގޯލަށް ނުރައްކާ ކުރަން ކަމަށްވާއިރު ކެނެޑާ އަށް މި ހާފުގައި ބެލްޖިއަމްގެ ގޯލަށް މާބޮޑު ނުރައްކަަލެއް ކުރެވިފައެއް ނުވެ އެވެ.
ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ދެން ބައްދަލުކުރާނީ މޮރޮކޯއާ އެވެ. އަދި ކެނެޑާ ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.