ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ހުވަފެނެއް ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ސަންޓޯސްގެ އިރުޝާދުގެ ދަށުން ކުޅެ ޕޯޗުގަލް އިން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު އެންމެފަހުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ވަނީ ދެވަނަ ބުރުން ކަޓާފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ އުރުގުއޭ އާއި ދެކުނު ކޮރެޔާ އަދި ގާނާއާ އެއް ގްރޫޕެއްގަ އެވެ.
ވޯލްޑް ކަޕްގައި މިރޭ ގާނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ސަންޓޯސް ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އޭނާ އަމާޒެއް އަދި ހުވަފަނެއް ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ޓީމެއް އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ބޭނުން ވަނީ ޕޯޗުގަލްގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން ކަމަށްވެސް ސަންޓޯސް ބުންޏެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ސަންޓޯސް ބުނީ ފާއިތުވި ތިން ވޯލްޑް ކަޕްގައި ވެސް އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ޕޯޗުގަލް އިން ކުޅެފައިވާ ކަމަށާއި އެއީ އުނދަގޫ މެޗުތަކެއް ކަމަށެވެ. އެފްރިކާގެ ޓީމުތަކަކީ ހުނަރުން ފުރިގެންވާ ޓީމުތަކެއް ކަމަށާއި އެޓީމުތަކަކީ މީގެކުރިއާ އަޅާ ބަލާއިރު މިހާރު މާ ފުރިހަމަ ޓީމުތަކެއް ކަމަށްވެސް ސަންޓޯސް ބުންޏެވެ.
"ގާނާ އަކީ އަހަރުމެންނަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ޓީމެއް. އެއީ ވަރަށް ރޭވުންތެރި ފުޓްބޯޅައެއް ކުޅޭ ޓީމެއް." ސަންޓޯސް ބުންޏެވެ.
އެންމެފަހުން ޕޯޗުގަލް އިން ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް ފުރަތަމަ މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.
ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.