Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(އެޕްރީލް 29، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އުލްފަތު ކަރުނަ ފޮހެލަމުން ގޮސް އެތާ ހުރި ގޮނޑިއެއްގައި އިށީނެވެ.

ހީނާ އޭނާގެ ދަބަސް ޓުރޮލީ ކޮށްޕަމުން ގޮސް އެތެރެއަށް ވަނެވެ. ހީނާ އެތެރެއަށް ވަނުމަށް ފަހު ވެސް އުލްފަތު ގިނަ އިރުތަކެއް ވަންދެން އެއަރޕޯޓްގއި ހުއްޓެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމަށް އަތް ހޫރާލުމަށް ފަހު ހީނާ ޓުރޮލީ ކޮށްޕަމުން އެތެރެ އަށް ވަނެވެ.

ހީނާ ޗެކިން ކައުންޓަރަށް ދިޔުމާ އެކު ވަރަށް ގިނަ ލޯތައް ހީނާ އަށް އަމާޒު ވި އެވެ. އޭނާ ޓިކެޓް ނަގާވައި ވަނީ ބިޒްނަސް ކުލާހުން ކަމަށް ވުމާ އެކު އޭނާ ދިޔައީ ބިޒްނަސް ކުލާސް ކައުންޓަރު ކައިރިއަށެވެ. ކޮންމެ މީހަކު ވެސް ދެވަނަ ފަހަރަށް ބަލާލާފައި އެއީ ހީނާކަން ނގުމާއެކު ވަރަށް ގާތްކަމާ އެކު ސަލާމް ގޮވާލައި ހިނިތުން ވެލަ އެވެ.

ލަދުރަކި ބައެއް މީހުން ދުރުގައި ހީލައިގެން ތިއްބެވެ. ތަންކޮޅެއް ޖެހިލުންކަން ކުޑަ މީހުން ކައިރިއަށް އައިސް ވާހަކަ ދައްކަން މަސަކަތް ކުރެ އެވެ. އިމިގްރޭޝަން އަންހެން ކުއްޖާ ކަމެއް ހަނދާންވާހެން ވާހަކަ ދައްކަން ފެށި އެވެ.

ހީނާގެ ކައިރި އަށް އައި މީހުން ހިނދުކޮޅަކަށް ހީނާ އާ ދުރަށް ދިޔަ އެވެ. ހީނާ ޝުކުރު ވެރިކަމުގެ ނަޒަރަކުން އިމިގްރޭޝަން އަންހެން ކުއްޖާ އަށް ބަލާލާފައި ހީލިއެވެ. އަދި ޕާސްޕޯޓް އެ ކުއްޖާ އަށް ދިއްކޮށްލި އެވެ. އަންހެން ކުއްޖާ ހީނާ އަށް ރަނގަޅު ހިސާބަކުން ސީޓް ހަމަޖެއްސި އެވެ.

ހީނާ ޗެކިން ނިމުމަށް ފަހު އެތެރެ އަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެ ވެ. އޭނާގެ ހިތުގެ ވިންދު ވަރަށް ބާރަށް ތެޅެމުން ދިޔަ އެވެ. އެވަގުތު ކުޑަކުދިންކޮޅެއް އައިސް ހީނާގެ ކައިރިއަށް މަޑުކޮށްލި އެވެ.

"މެޑަމް އޮޓޮގްރާފް ޕްލީޒް."

ހީނާ ހިނިތުންވެފައި އެ ކުދިން ގެނައި ގަނޑުގައި ސޮއިކޮށްލި އެވެ. އެވަގުތު އިތުރު މީހުން ހީނާ ކައިރި އަށް އަންނަން ފެށި އެވެ. ހީނާ ތެދުވެގެން އެހެން ދިމާލަކަށް ދާން ފެށި އެވެ. އެންމެ ފަހުން ގޮސް އޭނާ އަށް ފެނުނީ ފާޙާނާއަކީ އެންމެ ރަައްކާތެރި ތަން ކަމަށެވެ.

"އަހަރެންނަކީ ޕަބްލިކް ޕްރޮޕަޓީއެއް. މިއީ އުޅެންޖެ ހޭ ހާލު. އަޅެ އަހަރެމެން ކަހަލަ މީހުންނަށް ހައި ސިކިޔުރިޓީ ލިބޭނެ ނަމަ ދޯ؟" ހިތާހިތާ ހީނާ އަމިއްލަ އަށް ވާހަކަ ދެއްކި އެވެ.

ހީނާ އިސްތަށިގަނޑު އެހެން ގޮތަކަށް ހަދާލި އެވެ. އަދި އަވި އައިނު އަޅާލި އެވެ. މިހާރު ހީނާ ކުޑަކޮށް ތަފާތު ވެއްޖެ އެވެ. އަދި މަޑުމަޑުން ދެކޮޅު ހޯދުމަށް ފަހު ނިކުމެ އޭނާ ކުރިން ހުރި ދިމަ ނޫން ދިމާލެއްގައި އިށީނެވެ. ހިނދުކޮޅެއްގެ ތެރޭ ފުލައިޓަށް އަރަން ގޮވާލި އެވެ. ހީނާ އަވަސް އަވަހަށް ދިޔަ އެވެ.

ސަތޭކައެއްހާ ލޯތައް ހީނާ އަށް އަމާޒުވީކަން އޭނާ އަށް އެނގުނެވެ. އެހާ ވަރަށް ފިނިކޮށްފައި ހުރި ތަނުގައި ވެސް އޭނާ ދާހިތްލާ ފޯވެއްޖެ އެވެ.
ފުލައިޓަށް އެރުމާ އެކު އޭނާ ހަމަޖެހުމުގެ ނޭވާއެއް ލި އެވެ. އަދި އަވަހަށް ލޯ މަރައިގެން ކަމަށް ހެދިގެން އިނެވެ. ދެން ގައިމު އޭނާ ލޯ ހުޅުވާނީ ވެސް ފުލައިޓް ލަންކާ އަށް ޖެއްސީމަ އެވެ. ލަންކާ އެއާޕޯޓްގެ ކަސްޓަމްގެ ކަންތައް ނިންމާފައި އޭނާ އަށް ހިލްޓަން ހޮޓަލަށް އާދެވުނު އިރު އެގާރަ ޖަހަނީ އެެވެ.

މިއީ ދުވާލުގެ އެންމެ ތާޒާ ވަގުތެވެ. ހެނދުނު ހެނދުނާ ލަންކާ އަށް އާދެވުނީތީ އޭނާ ވަރަށް އުފާވި އެވެ. ފަތިހު ކުރި ދަތުރު ގެ ވަރުބަލި އެއް ފަހަރުން ފިލައި ދިޔަ ކަހަލަ އެވެ. ހިލްޓަންގެ ކޮޓަރި އެހާ ވެސް ރީތިވެފައި އުޅޭހިތްވާ ކަހަލަ ގޮތެއް ހުއްޓެވެ. ކޮންމެ ފަރުނީޗަރަކުން އަގު ބޮޑު ކަމާއި ހައިބަތު ފެންނަން ހުއްޓެވެ.

ހިނާއަށްޓަކައި އުލްފަތު ބުކް ކޮށްފައި ހުރީ އެހާމެ ތަނަވަސް ކޮޓަރިއެކެވެ. ބެޑްރޫމާއި ގުޅިފައިވާ ބޮޑު ސިޓިންރޫމެކެވެ.
ކޮމްޕިޔުޓަރު ބަހައްޓަންވެސް ވަކިން މޭޒަކާއި އޮފީހެއް ގޮތަށް ތަނެއް ހަދާފައި ހުއްޓެވެ. ހީނާ ވަގުތުން ލެޕްޓަޕް ހުޅުވައިލައިގެން އުލްފަތަށް މެއިލްކޮށްލިއެވެ. އަދި ސަލާމަތުން ހިލްޓަން އަށް އާދެވުނު ވާހަކަ އާއި ތަނާ މެދު ހިތްހަމަޖެހޭކަން ވަރަށް ކުރު ގޮތަކަށް މެއިލްގަ އޭނާ ލިޔެލި އެވެ.

ކުޑަކޮށް ވެހެމުން ދިޔަ ވާރޭ ބެލްކަނީގައި އިނދެލައިގެން އޭނާ ވެނީލާ ސައި ހަދައިލައިގެން ބޯލި އެވެ. ތިން ހަފްތާ އަށް ވާވަ ރަށް އުލްފަތު ވެނީލާ ސައިފަތް ވެސް ހީނާގެ ދަބަހަށް އަޅާފައި ހުއްޓެވެ. މިކަމުގެ ސަބަބަކީ އޭނާ ބޭރަށް ދާން ޖެހިދާނެތީ އުލްފަތު ކުރިކަމެއް ކަން އޭނާ އަށް އެނގުނެވެ.
އެއްވެސް ކަމެއް ބޭނުމީޔާ ވަގުތުން އޭނާ އުލްފަތު ގެންނާނީ އެވެ ސަބަބަކީ އުލްފަތަށް ވުރެ ބޮޑަށް އޭނާ ދަންނާނީ ވަކި ކާކު ހެއްޔެވެ؟ (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.