Last Updated: November 26, 14:32
Saturday, November 26, 2022
ޚަބަރު

ސްކޫލްތަކުގެ ދަރިވަރުން ހެލްތު ސްކްރީން ކުރަނީ

މާލެ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭ ޕްރޮގްރާމެއް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން އިއްޔެ ފެށި ޕްރޮގްރާމްގައި އިއްޔެ އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ޕްރައިމަރީ ސްކޫލުތަކުން 20 ހެލްތު އޮފިސަރުން ބައިވެރިި އެވެ. މިއަދު ވެސް މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުން 20 ހެލްތު އޮފިސަރުންނަށް، މި ޕްރޮގްރާމުގެ ދެވަނަ ސެޝަން ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޕްރައިމަރީ ސްކޫލުތަކުގެ ހެލްތު އޮފިސަރުން ހެލްތު ސްކްރީން ކުރުމަށް ތަމްރީނު ކުރުމަށްޓަކައި އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް (ހެލްތު ސްކްރީން)، ހެލްތު އޮފިސަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ މުހިންމުކަމާއި އަދި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގައި ބަލަން ޖެހޭ މުހިންމު ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ބައިތަކުގެ އަމަލީ މަސައްކަތް ހިންގާނެ ގޮތްތައް ވެސް މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމުގައި ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފް މެޑިކަލް ކޯގެ ސިފައިންނެވެ.