Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

މާލީ ނިޒާމުގެ އިތުބާރު ގެއްލޭ ވާހަކަ ނުދައްކަން ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު އަދި މެމްބަރު އިބްރާހިމް ޝަރީފު--

މާލީ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށް ވާހަކަ ނުދެއްކުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަމުން އަންނައިރު، މިފަހުން ރައީސް ނަޝީދު އަންނަނީ ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ދައްކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެކަމާ ގުޅިގެން ޝަރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅޫވީ، ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ރައީސް ނަޝީދު، ރާއްޖެ ބޭންކްރަޕްޓް ވެއްޖެ ކަމަށް އިއުލާނު ކުރައްވަމުން ގެންދެވުމަކީ، ދައުލަތުގެ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ދައުލަތް އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރެއްވުމަށް ޝަރީފް ގޮވާލައްވާފައިވެއެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައިސް ނަޝީދު ވިދާޅުވީ ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުންކަމަށާއި ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އެހެންގޮތަކަށް ވާހަކަދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލެވޭ އޮޅުވާލުމެއް ކަމަށެވެ.