ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ދައުލަތުގެ ރިޒާވް ރަނގަޅުކުރުމަށް މިވަގުތު އެޅެންއޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ބޭރުފައިސާއިން ލިބޭ އާމްދަނީ އިތުރުވެ، ބޭރުފައިސާގެ ރިޒާވް ރަނގަޅުވެގެން ދިއުން ކަމަށެވެ.
"މިދަނޑިވަޅުގައި ޓީޖީއެސްޓީގެ ރޭޓް ބޮޑުކުރުމަކީ ރިޒާވަށްވެސް އޭގެ ރަނގަޅު ބަދަލުތަކެއް އަންނާނެ. އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެ ބަދަލުތައް ފެނިގެންދާނެ." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ޖީއެސްޓީއަށް ގެނެވޭ ބަދަލާއެކު އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 5.5 އިންސައްތައިގައި ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދަށް ރޭޓެއް ކަމަށްވެސް ވިދާޅުވިއެވެ.
ޓެކްހަށް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ނިންމި ބަދަލާ އެކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވާނެއެވެ. ސަރުކާން ބުނެފައިވާ ގޮތުގައި ޓެކްހުގެ ގާނޫނަށް ގެނައި މި އިސްލާހު މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.