މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން ސިޓީ ކައުންސިލުން ފެށި "ނަލަފެހި އައްޑޫ" ސާފު ކުރުމުގެ ހަރަކާތަށް ތާއިދު ކުރުމުގެ ގޮތުން ހިތަދޫ ޕޯޓްގެ ފަރާތުން އާރްއޭއެފް ސަރަހައްދު ސާފު ކުރުމަށް ނިންމައިފިއެވެ.
ހިތަދޫ ޕޯޓްގެ ޖެނެރަލް މެނޭޖަރަކަށް ދާދި ފަހުން އައްޔަން ކުރި އަހުމަދު ޝަފީއު (އައިކެފޭ ޝަފީއު) މިއަދު ވިދާޅުވީ ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން އެދުވަހުގެ ހެނދުނާއި މެންދުރު ފަހުވެސް ސާފު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޝަފީއު ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް ކުރެވޭ ގިނަ ބޮޑެތި މަޝްރޫއުތަކުގައި އަބަދުވެސް ޕޯޓުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އަބަދުވެސް އައްޑޫގެ ތަރައްޤީގައި ފުރިހަމައަށް ބައިވެރިވާ ބައެއް. މިތަނުގެ މުވައްޒަފުންނަކީ އަބަދުވެސް އައްޑޫއަށް ތަރައްޤީ ގެނައުމަށް ބުރަކޮށް މަަސައްކަތެއް ކުރާ ބައެއް. އެހެންވެ ހުރިހާ މުވައްޒަފުން އެކުގައި ނިކުމެ ސާފު ކުރުމަށް ނިންމީވެސް" ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ޕޯޓްސް އާއި ހަވާލުވި ފަހުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މުވައްޒަފުންނާއި ވީހާވެސް ގުޅިގެން އެންމެން އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް ތަނުގެ ތެރޭގައި އުފެއްދުމަށް ކަމަށެވެ. އަދި މި ސާފު ކުރުމުގެ ހަރަކާތުގެ ސަބަބުންވެސް މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ރޫހް އުފެދިގެންދާނެކަމަށް ޝަފިއު ވިދާޅުވިއެވެ.
ހިތަދޫ ޕޯޓުން އައްޑޫ ސާފު ކުރާއިރު އަންނަ ހޮނިހިރު ދުވަހު ސިޓީ ކައުންސިލާއި ހުޅުމީދޫގެ މުވައްސަސާތައް ގުޅިގެން ހުޅުމީދޫ ސާފު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ފާއިތުވި ހަފްތާގެ ހޮނިހިރު ދުވަހު ހިތަދޫގެ އެކި ސަރަހައްދުތައް ކައުންސިލާއި މުވައްސަސާތައް ގުޅިގެން ވަނީ ސާފުކޮށްފައެވެ.