ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިއަދު ކުޅުނު މެޗުން ކެމަރޫންގެ މައްޗަށް 1-0 އިން ސްވިޒަލޭންޑުން ކުރި ހޯދައިފި އެވެ.
ފާއިތުވި ހަ ވޯލްޑް ކަޕްގައި ވެސް ސްވިޒަލޭންޑުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލިވެފައި ނުވާއިރު މިއީ ކެމަރޫން އިން ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 8 މެޗުން ވެސް މިހާރު ވަނީ ބަލިވެފަ އެވެ. ގްރޫޕް ޖީ ގައި ކެމަރޫން އާއި ސްވިޒަލޭންޑްގެ އިތުރުން ދެން ހިމެނެނީ ބްރެޒިލް އާއި ސާބިޔާ އެވެ.
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ ވެސް ކެމަރޫން އެވެ. އެގޮތުން އެންމެ ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެމަރޫންގެ އެމްބުއޭމޯ އަށް ކަމަށްވާއިރު ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ އެޓީމުގެ ކީޕަރު ޔާން ސޮމާ އެވެ.
Switzerland begin #Qatar2022 with three points! 🇨🇭@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022
ފުރަތަމަ ހާފްގައި ސްވިޒަލޭންޑަށް ކެމަރޫންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފަ އެވެ. އެގޮތުން ޝަގީރީ ކެމަރޫންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލް މެޗުގެ 48 ވަނަ މިނެޓްގައި ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ބްރީލް އެމްބޯލޯ އެވެ.
މި ގޯލަށްފަހު ވެސް ސްވިޒަލޭންޑުން ވަނީ ކެމަރޫންގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ދެ ހަމަލާއެއް މި ހާފުގައި ފޮނުވާލާފަ އެވެ. އެގޮތުން ގްރެނިޓް ޝަކާ އާއި ވާގާސް ފޮނުވާލި ހަަމަލާތައް ދިފާއުކުރީ ކެމަރޫންގެ ގޯލްކީޕަރު އޮނާނާ އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ބްރެޒިލް އާއި ސާބިޔާ މިރޭ ބައްދަލުކުރާއިރު އެ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.