ފީފާ ވޯލްޑް ކަޕްގެ އެޗްގައި މިރޭ އުރުގުއޭ އާއި ދެކުނު ކޮރެޔާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ނުފެނު ނިމުނު ހަތަރުވަނަ މެޗެވެ. ގްރޫޕް އެޗްގައި ދެން ހިމެނެނީ ޕޯޗުގަލް އާއި ގާނާ އެވެ.
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހަން ދެ ޓީމަށް ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފްގަ އެވެ.
އެގޮތުން އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ކޮރެޔާގެ އުއިޖޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު އުރުގުއޭ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު ޑިއޭގޯ ގޮޑިން އަށެވެ. ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޮޑިން ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ހަމަލާއެއް ވެސް ކޮރެޔާގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައިވެ އެވެ. ވަލްވާޑޭ މި ހަމަލާ ފޮނުވާލީ ކޮރެޔާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އެވެ.
އުރުގުއޭ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެޓީމަށް ކޮރެޔާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް ކަމަށްވާއިރު ކޮރެޔާ އަށް އުރުގުއޭގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް މި މެޗުގައި ފޮނުވާލެވިފައެއް ނުވެ އެވެ.
މި ގްރޫޕްގައި ހިމެނޭ ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.