އިއްޔެ މުޅި މީޑިއާގައި އޮތީ ފުލުހުން މެދުވެރިކޮށް މާލޭ ދަރުބާރުގެ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށައް ގެންދިޔަ ވާހަކައެވެ. ދަރުބާރުގެ މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ދަނިކޮށް އެތަނަށް ހައުސިން މިނިސްޓްރީން ވަދެގެންފައިވަނީ ގާނޫނުން ލިބިދޭ ފުރިހަމަ ބާރާއި އެކު ފުލުހުންނާއި އެކުއެވެ.
2011 ވަނަ އަހަރު ނޮވެމްބަރު މަހު 11 ވަނަ ދުވަހު 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ބޮލަށް ވެއްޓެން ވަނީ ކައިރިވެފައެވެ. ތަނުގައި ވަނީ ފަނި އަޅާފައެވެ. ތަނުގެ ވަށައިގެންވާ ބިއްލޫރިތައް ވަނީ ހިރަފުހުން ފުރިފައެވެ. ހުރިހާ ދިމާލެއްގައި މަކުނު ވަލެވެ
.
ވަށައިގެންވާ ލެންޑްސްކޭޕިން ވަނީ ބޯޖަންގަޔަކަށް ވެފައެވެ. ތަނުގައި ދިއްލެނީ މަދު ބޮއްކެކެވެ. ފަރުނީޗަރުތައް ވީ ތަނެއް އެނގޭ މީހަކު ނެތެވެ. އެކި ތަން ތަނުން ޕިކަޕްގައި ގޮސް އެތަނުގައި ތިބި ގޮޑި މޭޒު ނެރެގެން އިރު އިރު ކޮޅާ ގެންދަނީއެވެ.
ގެންދާ އެއްޗެއް އެނބުރި ވައްދާކަން އެނގޭ މީހަކު ނެތެވެ. ސިފައިންގެ ދެ މީހަކު އެތަނުގައި ތިބެއެވެ. އެމީހުން ތިބެނީ ޑިއުޓީގައި ކަމަށްވެއެވެ. ތަނުގެ ބޭރުގައި ފުނި ފުންޏަށް ކުނި ވަނީ ޖަމާވެފައެވެ. ދައުލަތުގެ ފައިސާއިން އެތައް މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ބިނާ އެހެރީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިއެވެ. ވީރާނާވާން ދޫކޮށްލާފައެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ދަރުބާރުގެ ހިންގި ނަމަވެސް އީސީސީގެ އެއްވެސް ކަމެއް ކުރުމަކަށް އައްޑޫ ސިޓީ ކައުންސިލަށް ބާރެއް ނެތެވެ. ހުރިހާ ބާރެއް އޮތީ ހައުސިން މިނިސްޓްރީއަށެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ މުވައްޒަފެއް، އޮފީހެއް ޑެސްކެއްގެ މިންވަރުވެސް އައްޑޫގައި ނެތެވެ. އެކަމަކު އީސީސީ "ބަލަހައްޓަނީ" ހައުސިން މިނިސްޓްރީއިންނެވެ.
އައްޑޫގައި އިމާރާތް ކުރި އެންމެ ބޮޑު ބިނާ އަކީ ބޭކާރު ހަރަދެއްކަމަށް އަބަދުވެސް ބަޔަކު ދިޔައީ ބުނަމުންނެވެ. އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ޕީޕީއެމް އިން ދިޔައީ އީސީސީ އެޅުމަށް ހަރަދު ކުރާތީ ފާޑު ކިޔަމުންނެވެ. ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމާއި އެކު އީސީސީ ވީރާނާ ކޮށްލުމުގެ މަސައްކަތް ފެށުނެވެ.

ބޮޑު ކޮންވެންޝަން ސެންޓަރެއްގެ ބޭނުމެއް އައްޑޫއަަކަށް ނެތްކަމަށް ބުނެ އެތަނަކީ ސަރުކާރުން ކުރި އިސްރާފެއް ކަމަށް އަބަދުވެސް ދިޔައީ ވާހަކަ ދައްކަމުންނެވެ. މިހާރުގެ ސަރުކާރުން ބޭނުންވަނީ އެތަނަކީ ފައިދާއެއް ނެތް ތަނެއްކަން އާއްމުންނަށް ދައްކާށެވެ. ސަރުކާރުން އެބިނާ ވެސް ބޭނުން ކުރަނީ ސިޔާސީ އައްޑަނައަކަށެވެ.
ދޭތެރެއިން އެތަން ބިޑަށް ހުޅުވާލައެވެ. ކޮންމެ އިންތިހާބަކާއި ގުޅިގެންވެސް އީސީސީ ހުންނަނީ ބިޑަށް ލާފައެވެ
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، މަޖިލިސް އިންތިހާބްގެ ފަހު ވަގުތާއި ދިމާކޮށް އީސީސީ ބިޑަށް ހުޅުވި އަޑު އިވުނެވެ. ޝައުގުވެރިވާ ބަޔަކު ތިބިކަމަށް ބުނާ އަޑު އިވެއެވެ. އެކަމަކު މިހާރު އެއިން ޝައުގުވެރިވީ ބަޔަކުވީތަނެއް އެނގޭ މީހަކު ނެތެވެ.
ސަރުކާރުން "އެއްވެސް" ހަރަދެެއް ނުކޮށް ދާދި ފަހުން ވަނީ ސިންގަޕޯރގައި އިންވެސްޓް ފޯރަމެއް ބާއްވާފައެވެ. އީސީސީއަށް ބަޔަކު ޝައުގުވެރިވޭތޯ ބަލާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެކަމަކާއިގެން ސަރުކާރުން އުޅުއްވާތަނެއް ނުފެނެއެވެ.
އީސީސީއާއި ބެހޭގޮތުން ހައުސިން މިނިސްޓްރީން މައުލޫމާތެއް ހޯދުމަށް މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. މިވާހަކަ ދައްކާނެ ވެރިއެއް މިނިސްޓްރީއަކު ނެތެވެ. މިތަން މިހިރީ ރަނގަޅަށްވެސް ފަނާކޮށްފައެވެ.
އެކަމަކު އައްޑޫ ސިޓީ ކައުންސިލުން ދެނެއް އީސީސީ ވީރާނާ ކުރާކަށް ހައުސިން މިނިސްޓްރީއަށް ދޫކޮށްގެން ނުތިބޭނެއެވެ. ފުލުހުންނާއި އާއްމުން ގޮވައިގެން އަންނަ ހޮނިހިރު ދުވަހު ކައުންސިލުން ގޮސް އީސީސީ ސާފުކުރާނެއެވެ. އެތަން ވީރާނާ ވާތަން ބަލާކަށް ދެނެއް ނުތިބޭނެއެވެ.