Last Updated: November 30, 21:25
Wednesday, November 30, 2022
ކުޅިވަރު

ޕޯޗުގަލް މޮޅުވެ، ރޮނާލްޑޯ އަށް ރެކޯޑެއް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ޕޯޗުގަލް އިން ގާނާގެ މައްޗަށް 3-2 އިން ކުރި ހޯދައިފި އެވެ.

މިރޭގެ މެޗު ހާއްސަވެފައިވަނީ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އެގޮތުން މި މެޗުގައި ޖެހި ގޯލާއެކު ފަސް ވޯލްޑް ކަޕެއްގައި ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ރޮނާލްޑޯ މިހާރު ވަނީ ވެގެން ގޮސްފަ އެވެ.

މި މެޗާއެކު ގްރޫޕް އެޗްގައި ގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު ޕޯޗުގަލް އޮތްއިރު އުރުގުއޭ އަދި ދެކުނު ކޮރެޔާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ގާނާ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޕޯޗުގަލް އިން ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ ޕޯޗުގަލް އަށް ލިބުނީ ގާނާގެ ޑިފެންޑަރަކު ރޮނާލްޑޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 118 ވަނަ ގޯލެވެ.

މި ގޯލަށްފަހު މެޗު ޑޮމިނޭޓްކޮށްގެން ޕޯޗުގަލް އިން ކުޅެމުންދަނިކޮށް މެޗުގެ 73 ވަނަ މިނެޓްގައި ގާނާގެ ކެޕްޓަން އަންދްރޭ އަޔޫ އެވެ. އަޔޫ މި ގޯލް ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަކުންނެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ބްރޫނޯ ފަނާންޑޭސް ދިން ޕާހަކުން ޖައޯ ފެލިކްސް ވަނީ ޕޯޗުގަލް އަށް އަލުން ލީޑު ނަގާދީފަ އެވެ.

އަދި އޭގެ ދެ މިނެޓްފަހުން ދެވަނަ ހާފްގައި ކުޅެން އެރި ރަފޭލް ލިއާއޯ ވަނީ ޕޯޗުގަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ޕޯޗުގަލް އަށް ދެ ގޯލުގެ ލީޑެއް ލިބުނު ނަމަވެސް މެޗުގެ 89 ވަނަ މިނެޓްގައި އޮސްމާން ބުކާރީ ވަނީ ގާނާ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން އިނާކީ ވިލިއަމްސް އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ އުރުގުއޭއާ އެވެ. ގާނާ ނިކުންނާނީ ދެކުނު ކޮރެޔާއާ ދެކޮޅަށެވެ.