ފީފާ ވޯލްޑް ކަޕްގައި ރޭ ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް އަށް ދިން ޕެނަލްޓީ އަކީ ރެފްރީ ދިން ހަދިޔާއެއް ކަމަށް ގާނާގެ ކޯޗު އޮޓޯ އަޑޯ ބުނެފި އެވެ.
ރޭގެ މެޗުން 3-2 އިން ގާނާ ބަލިވިއިރު މި މެޗުގެ ފުރަތަމަ ގޯލް ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ޕެނަލްޓީ ޕޯޗުގަލް އަށް ލިބުނީ ގާނާގެ މުހައްމަދު ސަލިސޫ ކުރި ފައުލަކާ ގުޅިގެންނެވެ. ރޭގެ މެޗުގައި ރެފްރީއަކަށް ހުރީ އެމެރިކާގެ ރެފްރީ އެކެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާނާގެ ކޯޗު ބުނީ ޕެނަލްޓީ ދޭން ރެފްރީ ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި ގާނާގެ ކުޅުންތެރިޔާ ކުޅުނީ ފައިން ޖެހީ ބޯޅައިގައި ކަމަށެވެ. އަދި ވީއޭއާރުން އެކަން ނުބެލީ ކީއްވެގެން ނޭނގޭ ކަމަށާއި އެ ނިންމުން ފީފާ އިން ތަފްސީލުކޮށްދީފައި ނުވާ ކަމަށްވެސް އަޓޯ ބުންޏެވެ.
"ރެފްރީ ހުރީ އަހަރުމެންނާ އެއްކޮޅަކަށް ނޫން. ކުޅުންތެރިއަކު ގޯލެއް ކާމިޔާބު ކުރުމުން އެކަމަށް މަރުހަބާ ކިޔަން، އެކަމަކު އެއީ ހަދިޔާއެއް. އިތުރަށް އަހަރެން ބުނާނީ ކީކޭ؟ އެއީ ރެފްރީ ދިން ހާއްސަ ހަދިޔާއެއް." އަޓޯ ބުންޏެވެ.
އަޓޯ ބުނީ ރޭގެ މެޗުން ގާނާ ބަލިވުމުގެ މައިގަނޑު ސަބަބަކީ ވެސް ރެފްރީ ކަމަށެވެ. އަދި މެޗަށްފަހު ރެފްރީއާ ބައްދަލުކޮށް އެ ނިންމުން ނިންމި ސަބަބު ސާފުކުރަން ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ރެފްރީ ހުރީ ބައްދަލުވުމެއްގައި ކަމަށްވުމުން އެކަން ނުވާނެކަން ފީފާ އިން އަންގާފައިވާ ކަމަށްވެސް އަޓޯ ބުނެފައިވެ އެވެ.
ރޭގެ މެޗުގެ ރެފްރީ އަށް ގާނާގެ ކޯޗު ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު ފީފާ އިން އޭނާ އަށް ފިޔަވަޅު އެޅުމަކީ ގާތް ކަމެކެވެ.
ވޯލްޑް ކަޕްގައި ގާނާ ދެން ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ.