Last Updated: November 30, 22:03
Wednesday, November 30, 2022
ކުޅިވަރު

އިންގްލެންޑަށް އަލުން އިހުތިރާމު ލިބެން ފަށައިފި

އިންގްލެންޑަށް ބައިނަލްއަގުވާމީ މައިދާނުގައި އިހުތިރާމް އަލުން ލިބެން ފަށާފައިވާ ކަމަށް އެ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފި އެވެ.

އިންގްލެންޑުން ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގައެއް ހޯދަން މިރޭ އެމެރިކާއާ ދެކޮޅަށް ނިކުންނައިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ އިރާންގެ މައްޗަށް 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސައުތްގޭޓް ބުނީ މިއީ އިނގިރޭސި ފުޓްބޯޅަ އަށް ވަރަށް ރަނގަޅު ދުވަސްވަރެއް ކަމަށާއި ޖޫނިއާ އަދި ސީނިއަލް ލެވެލްގެ އިތުރުން އިނގިރޭސި އަންހެން ޓީމުން ވެސް ވަރަށް ރަނގަޅު ކަންކަން ކުރަމުންދާ ކަމަށެވެ.

އިންގްލެންޑްގެ އަމާޒަކީ ބޮޑެތި މުބާރާތްތަކުގެ ފަހުކޮޅަށްދާ ވަރަކަށް ވާދަވެރި ޓީމެއްގެ ގޮތުގައި އޮތުން ކަމަށާއި އެއީ ގިނަ އަހަރުތަކެއް ވަންދެން އިންގްލެންޑް ނުކުރެވި އޮތް ކަމެއް ކަމަށް ސައުތްގޭޓް ބުންޏެވެ. އަދި މިހާރު އިނގިރޭސި ކުޅުންތެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިންގްލެންޑަށް އިހުތިރާމް އަލުން ލިބެން ފަށާފައިވާއިރު އެކަން އެގޮތުގައި ކުރިއަށްގެންދަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ފަހުން އިންގްލެންޑް ވަނީ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އެގޮތުން ސައުތްގޭޓްގެ އިރުޝާދުގެ ދަށުން ކުޅެ އިންގްލެންޑުން އެންމެފަހުގެ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރިއިރު މީގެ ދެ އަހަރު ކުރިން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެސް އެޓީމު ވަނީ ދަތުރުކޮށްފަ އެވެ.

މިރޭ އެމެރިކާއާ ދެކޮޅަށް ނިކުންނައިރު ބޮޑު މުބާރާތެއްގައި އިންގްލެންޑް މިހާތަނަށް އެމެރިކާ އަތުން މޮޅެއް ހޯދިފައެއް ނުވެ އެވެ.

އިންގްލެންޑް އާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.