ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފަށާފައިވާއިރު އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގަތަރާއި ސެނެގާލް އެވެ.
ގްރޫޕް އޭ ގައި ހިމެނޭ ގަތަރާއި ސެނެގާލް މިއަދުގެ މެޗަށް ނިކުންނައިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުން އިކުއެޑޯ އަތުން 2-0 އިން ގަތަރު ބަލިވިއިރު ނެދަލޭންޑްސް އަތުން ސެނެގާލް ބަލިވީ ވެސް 2-0 އިންނެވެ.
މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މިއަދުގެ މެޗުން މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިއްމު ކަމަށްވާއިރު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ، ގަތަރުގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފަށް ދަށް ކުޅުމެކެވެ. އެގޮތުން ފުރަތަމަ މެޗުގައި އިކުއެޑޯގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ގަތަރަށް ފޮނުވާލެވިފައެއް ނުވެ އެވެ. މިއީ ގަތަރުން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު ފުރަތަމަ މެޗުން ބަލިވީ ކުޅުންތެރިން ވެސް ޕްރެޝަރުގައި ތިބުމުން ކަމަށް ގަތަރުގެ ކޯޗު ބުނެފައިވެ އެވެ. ނަމަވެސް މިރޭ ސެނެގާލްއާ ދެކޮޅަށް ނިކުންނަނީ ފުޓްބޯޅައިގެ އެންމެ މަތީ ލެވެލްގައި ގަތަރަށް ހިފަހައްޓާލެވޭނެކަން ސާބިތުކޮށްދޭން ކަމަށް އޭނާ ބުނެފައިވެ އެވެ.
ނެދަލޭންޑްސް އަތުން ސެނެގާލް ބަލިވި ނަމަވެސް އެ މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. ހާއްސަކޮށް ދެވަނަ ހާފްގައި ސެނެގާލް އިން ނެދަލޭންޑްސް ޕްރެޝަރަށް ވައްޓާލައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ މެޗުގައި އެޓީމުގެ ބަލި ފައެއްގެ ގޮތުގައި ފެނިގެންދިޔައީ ޓީމުގެ ކީޕަރު އެޑުއާޑް މެންޑީ އެވެ. އެގޮތުން އެ މެޗުގައި ސެނެގާލް ކޮޅަށް ވަތް ދެ ގޯލުގައި މެންޑީ އަށް ވަނީ ގޯސްތަކެއް ހެދިފަ އެވެ. އޭގެއިތުރުން އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެވޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ނެތްތަން ވެސް އެޓީމުން ވަރަށް ބޮޑަށް ފުރަތަމަ މެޗުގައި ދެއްކި އެވެ. ނަމަވެސް ފުރަތަމަ މެޗުގައި ދެއްކި ފަދަ ކުޅުމެއް ސެނެގާލްގެ އިސްމާއިލާ ސާގެ ފަރާތުން ފެނިއްޖެ ނަމަ މި މެޗުން އެޓީމަށް މޮޅެއް ހޯދުމުގެ ފުރުސަތު ބޮޑެވެ.
ގަތަރު
ގަތަރުން ސެނެގާލްއާ ދެކޮޅަށް ނިކުންނައިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކުން ވަނީ އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ.
ގަތަރުން އެންމެފަހުން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން އަލްޖީރިއާ އަތުން އެ ޓީމު ދެ ފަހަރު ބަލިވިއިރު މިސްރާއި ބައްދަލުކުރި މެޗު ވީ އެއްވަރެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ގަތަރު ޓީމުގައި ނެތެވެ.
ސެނެގާލް
މިއީ ވޯލްޑް ކަޕެއްގައި އޭޝިއާގެ ޓީމަކާ ދެކޮޅަށް ސެނެގާލް ނިކުންނަ ދެވަނަ ފަހަރެވެ. އެޓީމުން އެންމެ ފުރަތަމަ އޭޝިއާގެ ޓީމަކާ ދެކޮޅަށް ވޯލް ކަޕެއްގައި ނިކުތީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެގޮތުން ޖަޕާނާއި ބައްދަލުކުރި އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ސެނެގާލް ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި ސެނެގާލް އަށް މިހާތަނަށް ވޯލްޑް ކަޕްގެ މެޗެއްގައި ކްލީންޝީޓެއް ހޯދިފައިވަނީ 2002 ވަނަ އަހަރު ފްރާންސް އަތުން 1-0 އިން އެޓީމު މޮޅުވި މެޗުގައި އެކަންޏެވެ.
މިރޭގެ މެޗަށް ނިކުންނައިރު ސެނެގާލް ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ ސެނެގާލް އާއި ގަތަރު ބައިނަލްއަގުވާމީ ފުޓްބޯޅަ މެެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ވޯލްޑް ކަޕް ބާއްވާ ގައުމަކާ ދެކޮޅަށް ސެނެގާލް ކުޅޭ ފުރަތަމަ ފަހަރުވެސް މެ އެވެ.
ސެނެގާލް އާއި ގަތަރު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 6 ޖަހާއިރު އެވެ.