Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް އެމްޑީޕީ

އެޖެންޑާ19 ހަނދާން ނައްތާލާ, ކުރީގެ އާދަކާދައަށް ރުޖޫއަވެއްޖެ!

ސަރުކާރަށް ތާއީދުކުރާ މެމްބަރުން މުލިއާގެއިން ނިކުންނަނީ- ފޮޓޯ: ދައުރު

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރެކެވެ. ޤާނޫނު ހެދުމުގެ ބެލެނިވެރިއާއެވެ. ސަރުކާރާއި މިނިވަން މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް އޮތް ބާރުވެރި ފަރާތެވެ. ރާއްޖޭގެ ސިޔާސީ ކުޅިވަރުގެ ނާރެހެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ވެފައިއޮތީ ސަރުކާރުން ބުނި ގޮތަކަށް ނަށާ ތަނަކަށެވެ. ސަރުކާރުން ފޮނުވާ ބިލަކަށް ރަނގަޅަށް ބަހުސް ކުރުމެއް ނެތި, ކަމުގެ މާހިރުންގެ ބަހެއް ހޯދުމެއް ނެތި "ސްޓޭމްޕް" ޖަހާތަނަކަށެވެ. ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ނަޒަރުން ބަސްބުނެ ވާހަކަ ދައްކާ އުޅުނު މެމްބަރުންނަށް މަޖިލީހުގެ ތެރޭގައި އޭރު ކުރަންޖެހުނީ އިހުތިޖާޖެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ހާލަކީ އަބަދުވެސް މިއީއެވެ. ސަރުކާރުން ފޮނުވާގޮތަށް ކަންކަން ނިންމުމަށް އަވަސް ވެގަތުމަކީ އާންމު ކަމެކެވެ.

19 ވަނަ މަޖިލީހަކީ ކުރީގެ މަޖިލީހުން ކަންކުރި އާދަކާދައަށް ރުޖޫއަ ނުވުމުގެ ވައުދާއެކު އިންތިހާބުވި މަޖިލީހެކެވެ. ހާއްސަކޮށް މަޖިލީހަށް ކުރިމަތިލި އެމްޑީޕީގެ މެމްބަރުންގެ ވައުދަކަށް ވެފައި އޮތީވެސް އެކަމެވެ. އެހެންމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ސަރުކާރުގެ ކަންކަން ޖަވާބުދާރީ ކުރުވުމަށް ކުރެވޭ މަސައްކަތްތަކަކީ ސަރުކާރާ ޖެހިގަތުމަށް ކުރެވޭ ކަންކަމުގެ ގޮތުގައި ބެލެވެން ފަށައިފިއެވެ.

ރައްޔިތުންގެ ބޮޑު މެޖޯރިޓީ ވޯޓާއެކު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނީ އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވިއްކި އެޖެންޑާ-19 އާއި ކަންކަން ދެފުއްފެންނަ ގޮތެއްގައި ކުރާނޭކަމުގެ އުންމީދާއެކުއެވެ. އެހެންނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މިހާރު ސަރުކާރަށް ސަނާކިޔާ މެމްބަރުންގެ އަމަލުތަކާއި ކުރީގެ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީން އަމަލުކުރިގޮތާ މާބޮޑު ތަފާތެއް ނެތެވެ.

މިފަހުން ހިނގާދިޔަ ދެތިން ކަމަކަށް ބަލާލާނަމެވެ.. ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރަމުންދިޔައިރު, އެ އިސްލާހަށް އެކި ފަރާތްތަކުގެ ހިޔާލުހޯދާ މަޖިލީހުގެ ތަޅުމުގައި އެކަންކަމަށް ވާހަކަ ދައްކަން ޖެހުނީ މަޖިލީހުގެ ރިޔާސަތުން ދަނޑިމާރުއަޅައިގެންނެވެ. ޓެކްސް ބޮޑުރުންފަދަ ސިޔާސަތުތަކަށް ގެނެވޭ ބޮޑެތި ބަދަލުތަކަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން, މާބޮޑު ބަހުސެއް ކުރުމަކާ ނުލާ ސަރުކާރުން ފޮނުވި ގޮތަށް "ސްޓޭމްޕް ޖަހަން" ބޭނުންވި ކަން ހާމަވީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލުމުން އެކަމަށް ވާހަކަ ދެއްކުމަށްވެސް ތެދުވި މެމްބަރުންގެ އަދަދު މަދުކަމުންނެވެ. ބަހުސް ކުރުމަށް އެތައް ވަގުތެއް ބާކީ އޮތްނަމަވެސް ބޭނުންވީ ބަހުސަކާ ނުލާ އަވަހަށް ބިލު ފާސްކޮށްލާ އަމިއްލަ ޒިންމާއިން އަތްފޮޅާ ލުމަށެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ބަހުސްގައި ކަންވީ މިފަދަ ގޮތަކަށެވެ. މީގެކުރިން އަހަރުތަކުގައި ރޭގަނޑާއެކު ކުރިއަށްދާ ބަޖެޓް ބަހުސްތައް މިފަހަރު ފެނުނީ ތަޅުމުގައި ބަހުސްކުރާނޭ މެމްބަރުން ނެތިގެން ނިންމާލަން ޖެހުނުތަނެވެ. ބަޖެޓް ބަހުސްގެ ފުރަތަމަ ބުރު ނިންމާ ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގައިވެސް ފެނިގެންދަނީ ހަމަ އެފަދަ މަންޒަރެކެވެ. ފެންނަނީ ސަރުކާރުން ފޮނުވިގޮތަށް ފާސްކޮށްލުމަށްފަހު އަވަހަށް މައްސަލަތައް ފޮނުވާލުމަށް އަވަސް އަރައިގަނެފައިތިބި މަންޒަރެވެ. އެއްވެސް ކަމަކަށް ބަހުސްކުރުމެއް, ވާހަކަދެއްކުމެއް, ކަމާބެހޭ ފަރާތްތަކުގެ ލަފަޔާމެދު ވިސްނާލުމެއް އޮތްކަމަކަށް ނުފެނެއެވެ. ބަޖެޓާ މެދު އެމްއެމްއޭއިން ދިން ލަފާވެސްވީ ސިޔާސީ ކަމަކަށެވެ. ގަވަރުނަރުގެ ލަފައަށްވެސް ސަރުކާރު މެމްބަރުން ކީ ފާޑެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މެމްބަރުން މުލިއާގޭގައި ކަންކަމުގެ މަޝްވަރާއާއި ސައްލާ ކުރިއަށްގެންދާތީ ފާޑުކިޔުމަށްފަހު މިއަދު ފެންނަނީ އެކަންވެސް ރުޖޫއަވަމުން އަންނަތަނެވެ. މަޖިލީހުން ހިންގުން ގޯސްކަމަށް ބުނަންވެސް ދާންޖެހެނީ މުލިއާގެއަށެވެ. އިތުބާރު ނެތްކަމަށް ސޮއި އެއްކުރެވެނީވެސް މުލިއާގެއިން "އޯކޭ" ލިބުމުންނެވެ. ސިޔާސީ މަސައްކަތުގެ މައިދާންކަމަށްވީ މަޖިލީހުގައި މިއިން ކަމެއް ކުރުމެއްނެތި, ދައުލަތުގެ ބޮޑު ބާރަށް އެނބުރި, "ބްލެސިން" ހޯދުމުގެ ސަގާފަތް އިއާދަވެއްޖެއެވެ.

މިހާރުގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެކޭ ޕީޕީއެމްގެ މެޖޯރިޓީއެކޭ ތަފާތެއް ނެތެވެ. ކަންކަން ކުރަމުން އަންނަނީ ހަމަ އެއް ގޮތަކަށެވެ. ސަރުކާރުން ފޮނުވާގޮތަށް "ސްޓޭމްޕް" ޖެހުމުގެ އާދައަށް ބަދަލެއް ނައެވެ. އެޖެންޑާ 19 ގެ މަތިން ހަނދާނެއް ނެތެވެ. އަމިއްލަ ޤާނޫނީ ބާރަކީ އެހެންބައެއްގެ ކޮންޓްރޯލް ކުރުމަށް ދޫކޮށްލެވިފައިވާ އެއްޗަކަށް ވެއްޖެއެވެ. ވަގުން ހިފުމަށާއި ޖަވާޝުދާރީ ކުރުވާނެ ކަމަށްވި ވައުދުތައް އެއްވެސް ވަރަކަށް ހަނދާނެއް ނެތެވެ. 19 ވަނަ މަޖިލިސް ވެސް މިވީ ރައްޔިތުންނަށް ނާއުންމީދު މަޖިލީހަކަށެވެ.