Last Updated: July 17, 11:13
Friday, July 17, 2026
ކުޅިވަރު

ފަހު ވަގުތު އިރާނުން ވޭލްސް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން ވޭލްސްގެ މައްޗަށް 2-0 އިން އިރާނުން ކުރި ހޯދައިފި އެވެ.

މިއީ ވޯލްޑް ކަޕްގެ މެޗެއްގައި އިރާނުން ޔޫރަޕްގެ ޓީމެއް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު އިރާން މިހާރު ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދާފަ އެވެ. ވޭލްސް އަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިންގްލެންޑް އާއި އެމެރިކާ އެވެ.

ގަތަރުގެ އަހުމަދު ބިލް އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވޭލްސްގެ ފޯވާޑް ކީފާ މޯ އަށެވެ. ނަމަވެސް އިރާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ މޯ ފޮނުވާލި އެ ހަމަލާ އިރާންގެ ގޯލްކީޕަރު ހޮސެއިނީ ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފް އިރާނުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓްގައި އިރާނުން ފޮނުވާލި ދެ ހަމަލާއެއް ވޭލްސްގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ވޭލްސްގެ ކީޕަރު ވޭން ހެނެސީ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް މަތަކޮށްފަ އެވެ.

އިރާނުން މި ހާފުގައި ކައިރިކައިރީގައި ވޭލްސްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ވޭލްސް އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެޓީމުގެ ކީޕަރު ހެނެސީ އަށް ދެއްކި ރަތްކާޑާއެކު އެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ރަތްކާޑު ހެނެސެނީ އަށް ދެއްކީ ވޭލްސްގެ ޕެނަލްޓީއޭރިއާގެ ބޭރުން އޭނާ އިރާންގެ ކުޅުންތެރިއަަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ވޭލްސް އިން ފުރިހަމަ ކުރަން ޖެހުނުއިރު އިރާނުން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 9 މިނެޓްގެ ތެރެއިން އަށްވަނަ މިނެޓްގަ އެވެ. ވޭލްސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލް އިރާނަށް ކާމިޔާބުކޮށްދިނީ ރޫޒްބޭ ޗެޝްމީ އެވެ. އަދި އޭގެ އިރުކޮޅެއްފަހުން އުފެއްދި ކައުންޓަ އެޓޭކެއްގައި އިރާންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ރަމިން ރެޒަޔާން އެވެ.

ގްރޫޕް ސްޓޭޖުގައި އިރާނުން ދެން ބައްދަލުކުރާނީ އެމެރިކާއާ އެވެ. ގްރޫޕްގެ ފަހު މެޗުގައި ވޭލްސް ނިކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ.

މި ގްރޫޕްގައި ހިމެނޭ އިންގްލެންޑް އާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.