Last Updated: May 19, 08:46
Sunday, May 19, 2024
ޚަބަރު

އީސީސީގެ ކަރަންޓް ބިލަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ!

އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހިތަދޫ އީސީސީ ސަރަހައްދުގައި ހަވާ އަރުވަނީ. ފޮޓޯ/ ޝަރަފް

ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު(އީސީސީ) ހުޅުވި ދުވަހުން ފެށިގެން މިހާތަނަށް އައި އިރު އެތަނުގެ އެއް ވެސް ކަރަންޓް ބިލެއް ދައްކާފައެއް ނުވާ ކަމަށާއި ބިލަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނެފިއެވެ.

އެސްޔޫއެލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހެއިރު (އަބްހަރީ ޒުހައިރު) "އައްޑޫ ލައިވް" އަށް މިރޭ ދެެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީސީސީ ހުޅުވައި އެތަން ބޭނުން ކުރަން ފެށި ފަހުން މިއަދާ ހަމައަށް އެތަނުގެ އެއްވެސް ކަރަންޓް ބިލެއް ދައްކާފައި ނުވާ ކަމަށެވެ. އަދި ބިލަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ދެއްކުމަށް ފިނޭންސާއި ހައުސިން މިނިސްޓްރީގައި އެކި ފަހަރު އެދިފައި ވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

އީސީސީއަކީ މިހާރު ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމުން އެތަނުގެ ކަރަންޓް ބިލްތަކަށް ފައިސާ ދައްކަން ޖެހޭނީ ފިނޭސް މިނިސްޓްރީން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އީސީސީގެ ގިނަ ކަރަންޓް ބިލްތަކެއް ނުދައްކާ ކަމަށާއި އެ މައްސަލަ ފިނޭންސާއި ވާހަކަ ދައްކައިގެން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސަތާރަ ވަނަ ސާކް ސިމިޓް ބޭއްވުމަށް އިމާރާތް ކުރި އީސީސީ ރަސްމީކޮށް ހުޅުވާފައި ވަނީ ނޮވެމްބަރު 10، 2011 ގަ އެވެ.