ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ތިންވަނަ މެޗުގައި މިރޭ ނެދަލޭންޑްސް އާއި އިކުއެޑޯ ބައްދަލުކުރާއިރު މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމުން ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އެގޮތުން ނެދަލޭންޑްސް އިން 2-0 އިން ސެނެގާލް ބަލިކުރިއިރު އިކުއެޑޯ 2-0 އިން ބަލިކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރެވެ.
ސެނެގާލް އަތުން މޮޅުވި މެޗުގައި ނެދަލޭންޑްސް އަށް އެޓީމުގެ އެންމެެ މޮޅު ކުޅުން ދެއްކިފައި ނުވާއިރު އެ މެޗުގައި އެޓީމުގެ ދެ ގޯލް ވެސް ފެނިގެންދިޔައީ މެޗުގެ ފަހު 10 ވަރަކަށް މިނެޓްގެ ތެރޭގައި އެވެ. އެ މެޗުގައި ނެދަލޭންޑްސްގެ ޑިފެންސްލައިން ވެސް ފެނުނީ ފުދޭވަރަކަށް އާދައިގެ ގޮތަކަށް ކަމަށްވީ ނަމަވެސް ކައުންޓަ އެޓޭކުތަކުގައި ނެދަލޭންޑްސް އިން ތަފާތު ދެއްކި އެވެ. ހުނަރުވެރި ކުޅުންތެރިން ހިމެނޭ އިކުއެޑޯ އަކީ މި ގްރޫޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ނެދަލޭންޑްސް އަށް އެންމެ ބޮޑު ޗެލެންޖެއް ދޭނެ ކަމަށް ބެލެވޭ ޓީމުވެސް މެ އެވެ.
ފުރަތަމަ މެޗުގައި އިކުއެޑޯ އިން މާބޮޑު އުނދަގުލަކާ ނުލާ މުބާރާތް ބާއްވާ ގަތަރުގެ މައްޗަށް ކުރި ހޯދިއިރު ގްރޫޕް ސްޓޭޖުގައި މިރޭ ނެދަލޭންޑްސް އަދި ފަހު މެޗުގައި ސެނެގާލްއާ ދެކޮޅަށް ކުޅޭ މެޗަކީ އިކުއެޑޯ އަށް އޮތް ބޮޑު އިމްތިހާނެކެވެ. އިކުއެޑޯ އަށް އެންމެފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދެވަނަ ބުރަށް ދަތުރުކުރެވިފައިވަނީ 2006 ވަނަ އަހަރު އެވެ.
ނެދަލޭންޑްސް
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެދަލޭންޑްސްގެ ކޯޗުކަމާ ލުއިސް ވެންހާލް ހަވާލުވި ފަހުން އެޓީމު އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެ އެވެ. ނެދަލޭންޑްސް އިން ވަނީ ބަލިނުވެ ޖުމްލަ 16 މެޗު ފުރިހަމަކޮށްފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅުނު 14 މެޗުން ވެސް ނެދަލޭންޑްސް ބަލިވެފައެއް ނުވެ އެވެ. އަދި ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅެ މިހާތަނަށް ނެދަލޭންޑްސް ވޯލްޑް ކަޕްގައި ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ނެދަލޭންޑްސް ޓީމުގައި ނެތްއިރު ފުރަތަމަ މެޗުގައި މުޅިން ފިޓް ނުވާތީ ބެންޗުން ކުޅެން އެރި މެމްފިސް ޑެޕާއި މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭނެ ކަމަށް ބެލެވެ އެވެ.
އިކުއެޑޯ
އިކުއެޑޯ އިން ވޯލްޑް ކަޕްގައި މިހާތަނަށް ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ޖުމްލަ ހަތް މެޗު ކުޅެފައިވެ އެވެ. އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗުންނެވެ. އެ ދެ މޮޅަކީ 2002 ވަނަ އަހަރު ކްރޮއޭޝިއާ އަދި 2006 ވަނަ އަހަރު ޕޮލެންޑް އަތުން ހޯދި މޮޅެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން އިކުއެޑޯ އަށް މިހާތަނަށް މޮޅުވެފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކަންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ އަށް އަނިޔާވި ނަމަވެސް މި މެޗަށް އޭނާ ވަނީ ފިޓްވެފަ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
އިކުއެޑޯ އާއި ނެދަލޭންޑްސް މީގެކުރިން ވަނީ ދެ ފަހަރެއްގެ މަތިން އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފަ އެވެ. އެގޮތުން 2006 ވަނަ އަހަރު ކުޅުނު މެޗު 1-0 އިން ނެދަލޭންޑްސް އިން ކާމިޔާބުކުރިއިރު އޭގެ 8 އަހަރު ފަހުން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ނެދަލޭންޑްސް އާއި އިކުއެޑޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.