ހުޅުމާލޭ ފޭސް 1 ގައި ވިލާގެ ފަރާތުން ސްކޫލެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ އާއި އެކު ސޮއިކޮށްފިއެވެ.
އެޗްޑީސީއާއި ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި އަޅާ ސްކޫލަކީ ގްރޭޑް 1 އިން 12 އަށް ކިޔަވައި ދޭ ސްކޫލެކެވެ. މި ސްކޫލުގެ އެއްބަސްވުމުގައި ވިލާގެ ފަރާތުން ސޮއިކޮށްފައިވަނީ ވިލާ ކޮލެޖުގެ ރެކްޓަރ އަހުމަދު އަންވަރުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ.
ޖުމްލަ 761 ކުދިންގެ ޖާގަ ހުންނަ ސްކޫލެއް ފޭސް 1 ގައި އެޅުމަށް ނިންމާފައިވާއިރު، މި ސްކޫލުގައި ގިނަ ޙިދުމަތްތައް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި ސްކޫލުގައި 6 ފްލޯ ހުންނައިރު، 20 ކްލާސް ރޫމް މި ސްކޫލުގައި ހުންނާނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމްކުރެވިފައި ހުންނާނެއެވެ.
އެޗްޑީސީން ބުނާ ގޮތުގައި ވިލާއިން ހުޅުމާލޭގައި ޤާއިމް ކުރާ ސްކޫލުގެ ސަބަބުން 100 އަށް ވުރެ ގިނަ ވަޒީފާ އެޑްމިނިސްޓްރޭޓިވް އަދި އެކަޑަމިކް ދާއިރާއިން އުފެދިގެން ދާނެއެވެ.
ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނައިރު ހުޅުމާލޭގައި ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރުމަށް އެޗްޑީސީން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތު ދަށުން އަމިއްލަ ފަރާތްތަކާއި ސަރުކާރާއެވެސް އެކި ވަސީލަތް ޤާއިމު ކުރުމަށް އެޗްޑީސީން ގިނަ މަސައްކަތަކެއް ކުރެއެވެ.