Last Updated: July 17, 11:13
Friday, July 17, 2026
ކުޅިވަރު

ސެނެގާލަށް މުހިއްމު މޮޅެއް، ގަތަރު ކެޓުމާ ގާތަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައި މިރޭ ގަތަރުގެ މައްޗަށް 3-1 އިން ސެނެގާލުން ކުރި ހޯދައިފި އެވެ.

މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.

މި މޮޅާއެކު ސެނެގާލަށް ވަނީ ގްރޫޕްގައި ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ގަތަރަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ނެދަލޭންޑްސް އާއި އިކުއެޑޯ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

މިރޭ އިކުއެޑޯއާ ބައްދަލުކުރާ މެޗުން ނެދަލޭންޑްސް ބަލިނުވެއްޖެނަމަ މުބާރާތުން ގަތަރު ކަޓާނެ އެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ސެނެގާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 41 ވަނަ މިނެޓްގައި ބުއާލޭ ޑިއާ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ޑިއާގެ މި ގޯލަކީ ގަތަރުގެ ޑިފެންޑަރެއް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ސެނެގާލްގެ ފަމާރާ ޑިއޭޑިޔޫ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ގަތަރުން ވެސް ދިޔައީ ސެނެގާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ގަތަރުގެ މުހައްމަދު ބޮލުން ފޮނުވާލި ހަމަލާ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި މުހައްމަދު މުންތާރީ ވަނީ ގަތަރަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މިއީ ގަތަރުން ވޯލްޑް ކަޕެއްގައި ކާމިޔާބުކުރި ފުރަތަމަ ގޯލުވެސް މެ އެވެ.

މި ގޯލަށްފަހު ސެނެގާލުން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 84 ވަނަ މިނެޓްގައި ބަމްބާ ޑިއެންގް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ސެނެގާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގާލުން ނިކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ. އަދި ގަތަރު ބައްދަލުކުރާނީ ނެދަލޭންޑްސްއާ އެވެ.